ހުކުމް ތަންފީޒުކޮށް ނިމި، މިމަހުގެ 27ގައި ލުތުފީ މިނިވަން ވަނީ

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މިމަހުގެ 27ގައި މިނިވަން ވާނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފިއެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ނޮވެމްބަރު ތިނަކާ ގުޅިގެން ލުތުފީގެ މައްޗަށް ކުރި ހުކުމް މިދިޔަ ޖޫން މަހު ތަންފީޒުކޮށް ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ލުތުފީ މިހާރު ތަންފީޒު ކުރަނީ، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ކަމަށެވެ.

ނަމަވެސް، މިމަހުގެ 27ގައި އެ ހުކުމް ވެސް ތަންފީޒުކޮށް ނިމުމުން އޭނާ މުޅިން މިނިވަން ވާނެކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

ހޯމް މިނިސްޓްރީއިން ޖެނުއަރީ 16، 2010ގައި ލުތުފީ އެއް އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ފޮނުވުމުން އޭނާ ފިލިއެވެ.

ރާއްޖެ ހިފަން އުޅުނު ބާގީ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ--

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާ އެކު، މެއި 1، 2019 ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވުމުންނެވެ.

ރާއްޖެ އިން ބޭރުގައި ނުވަ އަހަރު އޭނާ ފިލައިގެން އުޅުނީ ސިފަ ބަދަލުކޮށްގެން އެކި ނަން ނަމުގައި ކަމަށް ވެއެވެ. އެހެންވެ، އަލުން ރާއްޖެ ގެނައުމަށް ފަހު، މާޗު 10، 2021 ގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރީ އޭނާ ފިލި ކަމުގެ ދައުވާއަށް އިއުތިރާފު ވުމުންނެވެ.

ތަމަޅައިންގެ ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެއެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވިއެވެ.

ތަމަޅަ ޓައިގަރުންނާ އެކު ލުތުފީ ވެސް ބަޑި ހިފައިގެން މާލެ ތެރޭގައި އުޅުނެވެ. އެގޮތުން، ބައެއް ކެބިނެޓް މިނިސްޓަރުން ހޯދަން އެ ބޭފުޅުން އުޅުއްވި ގެތަކަށް ވެސް ބަޑި ހިފައިގެން ވަނެވެ.

ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައި ދުވަސް --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ލުތުފީ އިސްވެ ހުރެ ދިން ހަމަލާތައް ނާކާމިޔާބުވުމާ އެކު އޭނާ ސަރުކާރުގެ ޝިޕިން ކުންފުނި، އެމްއެސްއެލްގެ އެމްވީ ޕްރޮގްރެސް ލައިޓަށް އަރައިގެން ފިލަން މަސައްކަތްކުރިއެވެ. އެކަމަކު ފުރައިގެން ދަނިކޮށް، ރާއްޖެއަށް އެހީވި އިންޑިއާގެ މަނަވަރުން ހަމަލާދީ ބޯޓު ފައްތާލައިގެން ލުތުފީއާއި ހަނގުރާމަވެރިން އަތުލައި އޭގައި ރަހީނުކޮށްފައި ތިބި ދިވެހިން ވެސް ސަލާމަތްކުރިއެވެ.

ލުތުފީއާ އެކު އެ ހަމަލާގައި ބައިވެރިވެ، ބާޣީންނާ އެކު މާލެ އައި ސަގަރު އަހުމަދު ނާސިރަށް ވެސް އެ މައްސަލައިގައި 25 އަހަރުގެ ހުކުމެއް ކުރިއެވެ. އޭނާއަށް ކުރި ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވިތާ އެތައް އަހަރެއް ވެއްޖެއެވެ.

އެ މައްސަލައިގައި ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ ކުރީ މަރުގެ ހުކުމެވެ. ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވިއެވެ.

comment ކޮމެންޓް