ބީއެމްއެލް އެކައުންޓުގެ މައުލޫމާތު އަދާހަމަ ނުކުރާނަމަ، އެކައުންޓް ބަންދުކުރާނެ ކަމަށް ބުނާ ސްކޭމެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ހުންނަ މައުލޫމާތު އަދާހަމަ ނުކުރާނަމަ އެކައުންޓު ބަންދުކުރާނެ ކަމަށް ބުނާ ސްކޭމް ޕޯސްޓުތަކެއް، ލިންކުތަކާއެކު ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އައިޑީ ކާޑާއި ޕާސްޕޯޓުގެ މައުލޫމާތު އަދާހަމަ ކުރަން ބުނާ އެ ޕޯސްޓުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށެވެ. މި ދުވަސްކޮޅު އެފަދަ ޕޯސްޓުތަކާއި މެސެޖުތައް ފޮނުވުން އިތުރުވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.

މިގޮތަށް ދައުރުވާ ޕޯސްޓުތަކުގައި ލިންކު އެޓޭޗް ކޮށްފައި ހުންނަ ކަމަށް ބުނެ ފުލުހުންވަނީ، އެ ލިންކުތަކަށް ނުވަނުމަށާއި އެފަދަ މެސެޖްތަކަށް ސަމާލުވާން އިލްތިމާސް ކޮށްފައެވެ.

މި ގޮތަށް ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަންނަނީ އިތުރުވަމުންނެވެ. އަދި ފޯނު ކޯލުތަކާއި، ޓެކްސްޓް މެސެޖުން ވެސް މިފަދަ ސްކޭމުތައް ހިންގައެވެ.

މިފަދަ ކަންކަމަށް ހޭލުންތެރިވުމަށާއި ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް