ނޮވެމްބަރު 3އަށް ތައްޔާރުވީ ހުވަފެނުން ލިބުނު އިޝާރާތުން!

ރާއްޖެ ހިފަން އުޅުނު ބާގީ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ--

އެޑިޓަރުގެ ނޯޓް: މިއީ 3 ނޮވެމްބަރު 2016ގައި މި ނޫހުގައި ޕަބްލިޝްކުރި ރިޕޯޓެއް، އަނެއްކާ ވެސް ކިޔާލުމަށް ހިއްސާކޮށްލަން.

މާލެއަށް ބަޔަކު އަރައި ސިފައިންގެ ވަށައިގެން ހަމަލާދޭ މަންޒަރު ދެ ފަހަރެއްގެ މަތިން ހުވަފެނުގައި ފެނުމާ އެކު އެކަމާ ފުންކޮށް ވިސްނަން ފެށިއެވެ. ހުވަފެން ފެނުމާ އެކު ސިފައިންގެ ޓާސްކުފޯހުގައި ތިބި ސިފައިންނަށް ސިފައިންގެ މައިމަރުކަޒާއި ގިރިފުށީގައި ސިފައިންގެ ދިފާއު ކުރާނެގޮތް ބުނެދީ ތަމްރީނެއް ބޭއްވިއެވެ. އެއީ 1988ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް އުދުވާނީ ހަމަލާދިނުމުގެ ކުރިން ގައުމީ ބަޠަލް، މޭޖަ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލަށް އެކަމުގެ އިޝާރާތްލިބުނު ގޮތާއި އެކަމަށް ތައްޔާރުވިގޮތެވެ. އެ ހަމަލާގެ ހަ މަސް ކުރިންނާއި ދެ މަސް ކުރިން އެހުވަފެން ފެނުނު ކަމަށް ޖަލީލް ވިދާޅުވިއެވެ.

ދިވެހީންގެ ޚާއިނުންތަކެއް ލަންކާގެ ޓައިގަރުންގެ ރަޙުމްކުޑަ ބައިގަނޑަކާ ގުޅިގެން ދިން އެ އަނިޔާވެރި ހަމަލާތަކުގައި 19 ދިވެއްސެއް ޝަހީދު ކޮށްލިއެވެ. އެ ހާދިސާ ވަނީ އެދުވަހުގެ ބަޠަލް ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް 1993 ވަނަ އަހަރު ތެރޭގައި ލިޔުއްވާފައެވެ. "އެދުވަސް މާޒީވެ ދިޔަސް އެހަދާންތައް ފޮހެވިގެންނެތް ނުދެއެވެ" ނަމުގައި ޖަލީލް ވަނީ އެދުވަސް ވަރަށް ރަނގަޅަށް ސިފަކޮށްދީފައެވެ.

ތިނެއް ނޮވެމްބަރުގެ ބަތަލް މޫސާ އަލީ ޖަލީލް--

އެދުވަހު ފަތިހު 4:10 ކަންހާއިރު ސިފައިންގެ ތެރޭން ގިނަ މީހުންނަށް ހޭލެވުނީ ބަޑީގެ އަޑުފަށްގަނޑަށެވެ. އޭގެ ތެރޭގައި ޖަލީލްވެސް ހިމެނެއެވެ. އެދުވަހު ހޭލެވުމާއެކު އެއީ ކުރިން ފެނުން ފަދަ ހުވަފެނެއް ނޫންކަން ޔަގީންވިއެވެ. އެންމެހާ ސިފައިން ޔުނީފޯމްއަޅައި ތައްޔާރުވަމުން ދިޔައިރު ވެސް އެ ވަމުންދާގޮތެއް ނޭނގެއެވެ. އަސްކަރީ މާކަބޮޑު ތަމްރީނެއް ލިބިފައިނެތް ސިފައިން ދެން ދުޝްމަނުންނާ ހަނގުރާމަ ކުރަން ފެށިއެވެ.

ސްރީލަންކާގެ ޕީޕަލް ލިބަރޭޝަން އޮފް ޓެމިލް އިލާމްގެ 80 ހަނގުރާމަވެރީން، ދިވެހީންގެ ދެ ޚާއިނުން ކަމަށްވާ އަބްދުﷲ ލުތުފީ އާއި އަހުމަދު ނާސިރާ އެކު ރާއްޖެ އަރައި ސިފައިންގެ މައިމަރުކަޒަށް އެއް ފަހަރާ ތިން ދިމާލުން ވަރުގަދަ ހަމަލާތަކެއްދިނެވެ. އޭގެ ތެރޭގައި ޕޮލިސް ހެޑްކްއާޓަރަށް ދިން ހަމަލާއާއި މެއިންގޭޓަށް ދިން ހަމަލާގެ އިތުރުން ހުޅަނގުފަރާތު ފާރުގޮއްވާލައިގެން ދިން ހަމަލާ ހިމެނެއެވެ. ހަމައެއާ އެކު ރިޔާސީގަނޑުވަރުގެ ދެ ގޭޓަށް ވަނީ ހަމަލާތައް ދީފައެވެ.

ދުޝްމަނުންގެ ހަމަލާތަކަށް ރައްދުގައި ދިވެހި ސިފައިންވެސް ދިޔައީ ހަމަލާދެމުންނެވެ. ހަމަލާތައް ނުހުއްޓި ކުރިއަށްދާތާ ހަތަރު ގަޑިއިރެއްހާ ފަހުން ދުޝްމަނުން މާލެތެރެއަށް އަރައި މީހުންނަށް ބިރުދައްކައިގެން ވެރީން ރަހީނުކޮށްފާނެކަމުގެ ބިރުވެރިކަން ފެތުރުނެވެ. އޭރު ސިފައިން ހަމަލާދެމުންދިޔައީ ހަމައެކަނި ސިފައިންގޭތެރޭތިބެގެން ކަމަށްވާތީ ޖަލީލް ނިންމީ ދުޝްމަނުންނާ ކުރިމަތިލުމަށް ސިފައިންގެ ތެރެއިން ނުކުތުމަށެވެ.

"އަޅުގަނޑު އަމިއްލައަށް އިސްނަގައިގެން ދުޝްމަނުންގެ ކިބައިން ދިވެހިރައްޔިތުން ހިމާޔަތް ކުރުމަށް ހަނގުރާމަ ކުރަން ނުކުންނަށް ވޮލެންޓިޔާ ކުރިން،" ޖަލީލް ވިދާޅުވިއެވެ.

ސިފައިންގެ ތެރެއަށް ވަންނަން ދިޔަ ޕްލޯޓް ޖަމާއަތުގެ ވަސަންތީ ބަޑިޖަހައި މަރާލާފައި

ޓީމެއް އެކުލަވާލައި ބޭރަށް ނުކުތުމަށް މަސައްކަތް ކުރުމާއެކު ދުޝްމަނުންގެ ހަމަލާތައް ވަރުގަދަ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މައިގޭޓް ތާށިވެ ވެހިކަލްގައި ނުކުމެވޭގޮތެއްނުވިއެވެ. އެތައް މަސައްކަތަކުން ވެސް ގޭޓުން ނުކުމެވޭގޮތެއްނުވިއެވެ. އެވަރުން ވެސް އެތެރޭގައި ހުރުމުގެ ވިސްނުން ދޫކޮށްލެއްވިއެވެ. ދެން އިހުތިޔާރުކުރީ ފައިމަގުގައި ނުކުތުމަށެވެ.

ހަމަލާއެއްގައި ޒަހަމްވެ ހުރިހާލު ޖަލީލުގެ މޭސްތިރިކަމުގެ ދަށުން ދުޝްމަނުންގެ ބަޑިތައް ކުރިމަތިން ދުވެފައި ނުކުތީ ފުއްކަފަ ދޮންތުއްތު އާއި އަހުމަދު ނަސީމްގެ އިތުރުން އާދަމް ނަސީރު ޝޭޑީ އަދި ހުސެން މަނިކާއި އަބްދުﷲ މުފީދު އާއި އިބްރާހިމް ޝަރީފާއި މުހައްމަދު ހަސަންއެވެ. ހަމައެއާއެކު ހިތްވަރުގަދަ އެ ގުރޫޕުގައި މުހައްމަދު އިބްރާހިމް އާއި މުހައްމަދު އަލީ ހިމެނެއެވެ.

އެ ހިތްވަރުގަދަ 10 ސިފައިން ފުލުސްއޮފީހުގެ ގޭޓުން ދުޝްމަނުންގެ ކުރިމައްޗަށް ނުކުތެވެ. އެއާއެކު ދުޝްމަނުން ބަޑީގެ ވަޒަންތަކުން ހަމަލާ ދޭންފެށިއެވެ. ދިވެހި ސިފައިން ރައްދުގައި ހަމަލާދޭން ފެށި އެވެ. ދުޝްމަނުންނަށް މަޖުބޫރިވީ ފަހަތައްޖެހުމަށެވެ. އެހަމަލާތަކުގައި ދިވެހި ހިތްވަރުގަދަ ތިން ސިފައިން ޝަހީދުވިއެވެ. އެއީ މުހައްމަދު ހަސަނާއި އާދަމް ނަސީރު ސޭޑީ އާއި މުހައްމަދު އިބްރާހިމް މެކާނޯއެވެ.

ހަމަލާތައް ދިނުމަށް ފަހު ދުޝްމަނުން އެ ސަރަހައްދުން ފަހަތަށް ޖެހުމުން އެނބުރި ސިފައިންގެ ތެރެއަށް ވަންއިރު ތިން ސިފައިން ޝަހީދުވެ ދޫކޮށްލަންޖެހުނު އަބްދުﷲ މުފީދު ފިޔަވައި ދެންތިބި ސިފައިން އެތެރެއަށްވަނެވެ. މުފީދުގެ ބަޑި ވެއްޓުމުން އެނބުރި ދާން ނުކެރުނީއެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި ސިފައިން

ސިފައިންގެ ތެރެއަށް ވަނުމަށް ފަހު ވެސް ދެންވެސް ޖަލީލުގެ މޭސްތެރިކަމުގެ ދަށުން އެޓީމުން މަސައްކަތް ކުރީ ދުޝްމަނުން ބަލިކުރުމަށެވެ. އެގޮތުން ސިފައިންގެ ހުޅަނގުދެކުނު ކަނުން ގޮއްވާލި ސަރަހައްދު ބައްދައި ދުޝްމަނުން ސިފައިންގެ ތެރެއަށް ވަދެފާނެހެން ހީވާ ސަރަހައްދުތަކުގެ ސެކިއުރިޓީ ރަނގަޅުކުރިއެވެ. ފާރައަށް ސިފައިން ބަހައްޓައި ހަމަލާތައް ދެމުންދިޔައެވެ.

ފަތިހުފެށި ހަނގުރާމަ އެދުވަހު އިރުއޮއްސުނުއިރު ވެސް ދިޔައީ ކުރިއަށެވެ. އިރުއޮއްސުމާ އެކު އަޑުއިވިގެންދިޔައީ އިންޑިއާ ސިފައިން އަންނަ ވާހަކަ އެވެ. އެރޭ 9:30 ގައި އިންޑިއާ ސިފައިންގެ ޓީމެއް ވައިގެ މަގުން މާލެއައެވެ. އޭރު އޮތީ ހަނގުރާމަ މެދުކެނޑިފައެވެ.

އިންޑިއާ ސިފައިން ރާއްޖެ އައިއިރުވެސް ހިތްވަރާއެކި އެންމެ ފުރަތަމަ ދުޝްމަނުންނަށް ހަމަލާދިނުމުގެ ތެރެއިން ޝަހީދުވި ހުސެއިން އާދަމް ގޭޓުގެ ވާތްފަރާތުގައި ހަރުދަނޑިވެފައިއޮތެވެ. ޝަހީދު ހުސެއިން އާދަމް އަކީ އެ ހަމަލާގައި ދިވެހި ރާއްޖެ ސަލާމަތްކުރުމަށް ޝަހީދުވެގެންދިޔަ ނަމޫނާ ޝަހުސިއްޔަތެކެވެ. ދުޝްމަނުންނަށް ސިފައިންގެއަށް ވަނުން ހުއްޓުވައި އެހެން ސިފައިން ތައްޔާރުވުމަށް ފުރުސަތު ލިބުނީ ހުސެއިން އާދަމްގެ މަސައްކަތުންނެވެ.

ރާއްޖެ ހިފުމަށް ދުޝްމަނުން ރޭވި ރޭވުން ދިވެހި ސިފައިންގެ މަސައްކަތުނާއި އިންޑިއާ ސިފައިންގެ ތަޖުރިބާގެ އެހީގައި ފެއިލްކޮށްލުމުން ދެން އެމީހުން ވިސްނީ ފިލުމަށެވެ. އެއީ ނޮވެމްބަރު ހަތަރު ވަނަ ދުވަހުއެވެ. އެގޮތުން ކުށެއްނެތް ދިވެހީންތަކެއް އެމީހުންގެ ސަލާމަތަށް ރަހީނުކޮށް މާލޭގެ ބަނދަރުގައި އޮތް އެމްވީ ޕްރޮގުރެސް ލައިޓްގައި އެދުވަހު 11:00 ޖަހާކަންހާއިރު ފުރައިގެން ދިޔައެވެ.

އިންޑިއާ ސިފައިންގެ ކަނޑުގެ މަނަވަރަކާއި އަސްކަރިއްޔާ މަތިންދާބޯޓަކުން ހިންގި އޮޕަރޭޝަންގައި ނޮވެމްބަރު ފަސް ވަނަ ދުވަހު ވަނީ އެބޯޓް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ރަހީނުންގެ ގޮތުގައި ގެންދިޔަ މީހުންގެތެރެއިން 12 މީހުން މާލެ ގެނެވުނެވެ. ބައެއް ދިވެހިން ވަނީ ޝަހީދު ކޮށްލާފައެވެ.

ތިނެއް ނޮވެމްބަރު އުދުވާނީ ހަމަލާއެއްގެ މަންޒަރެއް--

އެހަމަލާއަށް މިއަދު 35 އަހަރެވެ. އިބުރަތްތައް ވަރަށްވެސް ގިނައެވެ. ގައުމަށްޓަކައި ގުރުބާންވި އެތައް ބަޔަކު ޝަހީދުވިއިރު އަނެއްބައި ލީޑަރުން އަދިވެސް އެބަތިއްބެވެ. އެދުވަހު އާދަޔާޚިލާފް ހިތްވަރެއްދެއްކި ބަޠަލް މޫސާ އަލީ ޖަލީލުގެ ނަސޭހަތަކީ ދިރިތިބީންނާއި އެމީހުންގެ ހައްގުގައި ހަށިގަނޑާއި ފުރާނަ ގުރުބާންކުރި ޝަހީދުންނާއި ބައިވެރިންގެ ގުރުބާނީތައްވެފައިވާކަން ހަނދާންނައްތާލައިގެންނުވާނެ ކަމަށެވެ. ހަމައެއާއެކު ގައުމަށް ޓަކައި ޝަހީދުވި އަދި ޒަހަމްވި ފަރާތްތަކުގެ އަގުވަޒަންކުރުމަށް އިލްތިމާސްކުރައްވައެވެ.

comment ކޮމެންޓް