ސާފިން ލީގުގެ ޗެމްޕިއަންކަން އިބޫއަށް

ރާއްޖޭގެ އެންމެ ކާމިޔާބު ރާޅާއެޅުންތެރިޔާ އިބޫ (މ) -- ފޮޓޯ/ ރަމޮން ކަމަލްދީން

ދިވެހި ސާފިން ލީގުގެ ޗެމްޕިއަންކަން ތަޖުރިބާކާރު ރާޅާއެޅުންތެރިޔާ ހުސައިން އަރީފް (އިބޫ) ކަށަވަރުކޮށްފިއެވެ.

އިބޫ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ، ސާފިން ލީގުގައި ހިމެނޭ ފަސް މުބާރާތުގެ ތެރެއިން ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖު އެއްކޮށް ނުނިމެނީހެވެ.

ރަންނަމާރި ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، އިބޫ ޗެމްޕިއަންކަން ކަށަވަރުކުރީ ޖުމުލަ 3470 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި އޮތް މިދިޔަ އަހަރުގެ ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ) އަދި އެހެން ސާފަރަކަށް ވެސް ދެން އިބޫއާ އެއްވަރަށް ޕޮއިންޓު ހަމައެއް ނުކުރެވޭނެއެވެ.

ސާފިން ލީގުގައި ހިމެނޭ ފަސް މުބާރާތުގެ ތެރެއިން އެންމެ ފަހު މުބާރާތުގެ ގޮތުގައި މިހާރު ކުރިއަށްދާ ރަންނަމާރި ޗެލެންޖުގައި ވާދަކޮށްފައިވަނީ ލީގުގެ ގަދަ ދިހަ ސާފަރުންނެވެ. އޭގެ ތެރެއިން އެންމެ ކުރީގައި އޮތް ހަތަރު ސާފަރުން ރަންނަމާރި ޗެލެންޖު ހަތަރުވަނަ ބުރުން ފެށި އިރު، އޭގެ ތެރޭގައި އިބޫ ވެސް ހިމެނެއެވެ. ހަތަރުވަނަ ބުރަށް ފަހު ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ކޮންމެ ހީޓެއްގެ ވެސް އެންމެ ކުރި ހޯދާ ދެ ސާފަރުންނެވެ.

ރަންނަމާރި ޗެލެންޖުގެ ހަތަރުވަނަ ބުރުގައި އިބޫ ވާދަކުރި ހީޓުން އޭނާ އެއްވަނަ ހޯދީ ޖުމުލަ 13.50 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި ނިންމާލި އިބޫގެ ކޮއްކޮ، އަބްދުﷲ އަރީފް (ފުކޫ)އަށް ލިބިފައިވަނީ 10.50 ޕޮއިންޓެވެ.

އިބޫ އާއި ފުކޫގެ އިތުރުން ރަންނަމާރި ޗެލެންޖުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ އައްމަޑޭ، އިސްމާއިލް މިގުލާލް (ކުޑަ އިއްސެ)، ހޫދު އަހުމަދު، އިސްމާއިލް ރަޝީދު (ސްމައިލީ)، ނަޖާހު މުހައްމަދު (ކަބޯ) އަދި ޖައިލަމް ނިޒާރެވެ.

comment ކޮމެންޓް