ފަރުކޮޅުފުށިން ބިން ކުއްޔަށް ދިނުން ހުއްޓާލަން އޭސީސީން އާބަންކޯއަށް އަންގައިފި

ފަރުކޮޅުފުށި: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ފަރުކޮޅުފުށިން ބިން ކުއްޔަށް ދިނުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އާބަންކޯއަށް އަންގައިފިއެވެ.

އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުޙައްމަދު ދީދީ މިއަދު "ސަން"އަށް ވިދާޅުވީ ފަރުކޮޅުފުށިން ބިންތަކެއް ދޫކުރުމާ ގުޅޭ ގޮތުން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެހެންވެ، ތަހުގީގު ކުރިއަށްދާއިރު ބިން ކުއްޔަށް ދޫކުރުން ހުއްޓާލަން އާބަންކޯއަށް އިއްޔެ އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން އެފަދައިން ވިދާޅުވިއިރު، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ، އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމަން އާބަންކޯއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން އިންތިގާލީ މަރުހަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށާއި، ވަކީން ޚާއްސަކޮށް، މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގެ މުއާމަލާތްތަކެއް ހިމެނޭ ކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް ވަނީ ބުނެފައެވެ.

އޭގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އާބަންކޯއިން ވަކި އެއްޗެކޭ ބުނެފައިނުވެއެވެ.

comment ކޮމެންޓް