ރައީސް ޔާމީންގެ ބަންދަށް ލުއިތަކެއް ދީފި

ގޭބަންދުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގެކޮޅަށް ބަދަލުކުރި ދުވަސް -- ސަން ފޮޓޯ/

ގޭބަންދުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަންދަށް ލުއިތަކެއް ދީފިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްފައި ވަނީ މިމަހުގެ އެކެއްގައެވެ.

އެ މަނިކުފާނުގެ ބަންދަށް ލުއި ދިނުމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްއިން "ސަން"އަށް ބުނީ، އެ ޚިދުމަތަށް އެންގެވުމަށްފަހު، ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމަށް އެމަނިކުފާނަށް ގެކޮޅުން ބޭރަށް ވަޑައިގަތުމަށް މިހާރު ލުއިދީފައިވާ ކަމަށެވެ.

ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ކަރެކްޝަންސްއިން ބުނި ގޮތުގައި، އެ މަނިކުފާނު ގެކޮޅަށް ބަދަލު ކުރީ ވަގުތީ ގޮތުންނެވެ. އަދި، އެމަނިކުފާނު ދެން ވެސް ހުންނަވާނީ ޖަލު ހުކުމެއްގައި ކަމުން އެ މަނިކުފާނާ މެދު އަމަލު ކުރާނީ ގައިދީއަކާ މެދު އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށް އޭރު އެ ޚިދުމަތުން ބުނެފައިވެއެވެ.

ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ހާމަވުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ގެކޮޅަށް ބަދަލުކުރުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތް ފަހުންނެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށް ދަނީ އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލައެވެ. އެ މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުން ސުވާލުކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު، އަދި މި މައްސަލައިގެ އަޑުއެހުންތައް ނިމޭނެ އިރެއް ނޭނގެއެވެ.

comment ކޮމެންޓް