އިންޒާރުދީފައިވާ ކަމަށްބުނެ، ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ނިމުމަކަށް

ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ ކުމުންދޫ ކައުންސިލް

މާރާމާރީ ހިންގާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށްބުނެ، ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖު ނިންމާލައިފިއެވެ.

ހދ. ކުމުންދޫގައި ބާއްވާ މިއަހަރުގެ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގެ އަންހެން ޑިވިޝަންގެ ކުޅުން ނިމުނު ނަމަވެސް، މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ނުނިމެނީސް ހަމަނުޖެހުންތަކަކާ ގުޅިގެން ވަނީ މެދުކަނޑާލައިފައެވެ.

ކުމުންދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ނިންމުމަށް މިއަދަށް ތާވަލުކޮށް ޓީމުތަކަށް އަންގާފައިވީ ނަމަވެސް، އިތުރަށް މިއަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް މަސައްކަތް ކޮށްފިނަމަ ކުމުންދޫ ކައުންސިލް އިދާރާއަށާއި މުވަޒަފުންނަށް ގެއްލުންތަކެއް ލިބި، މާރާމާރީ ހިންގާނެކަމުގެ އިންޒާރު މިއަދު ކައުންސިލް އިދާރާއަށް ބަޔަކު ގޮސް ދީފައިވާ ކަމަށެވެ.

"އެހެންކަމުން އިތުރަށް ރަށުގެ މަސްލަހަތު ގެއްލުވާލަން ފުރުސަތުދޭން މި ކައުންސިލުން ބޭނުންނުވާތީ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2023 އިތުރަށް ކުރިއަށް ނުގެންދާނެއެވެ. މިކަމަށްޓަކައި ރަށުގެ ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ..،" ކުމުންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު މެދުކަނޑާލަން ޖެހުނީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ހިނގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެ ހަމަނުޖެހުން ހިނގާފައިވަނީ ލަޔަން އެފްސީން ގޯލެއް ޖަހައި، ލީޑު ހޯދިތާ މާގިނައިރުތަކެއް ނުވަނީސް ޒީރު އެފްސީން ނަތީޖާ ހަމަހަމަކުރުމާއެކުއެވެ.

މެޗުގެ ދެވަނަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޒީރު އެފްސީން ނަތީޖާ ހަމަހަމަކުރުމުން ލަޔަން އެފްސީން ރެފްރީއަށް މައްސަލަ ހުށަހަޅަމުންދިޔައީ ޒީރު އެސްސީން އެ ގޯލު ޖަހާފައިވަނީ ގޯލްކީޕަރަށް ފައުލުކުރުމަށްފަހު ކަމަށްބުނެއެވެ. އެ މައްސަލަ ރެފްރީން ބަލަމުންދަނިކޮށް، ލަޔަން އެފްސީގެ އޮފިޝަލުންތަކެއް ވެސް ވަނީ ދަނޑަށް އަރައި، ރެފްރީއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އެއާއެކު ހަމަނުޖެހުންތަކާ ގުޅިގެން މެޗު ނިންމާލަން ޖެހުނީ ފުރިހަމަ ވަގުތު ހަމަނުކުރެވިއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ވެސް މިދިޔަ ހޯމަ ދުވަހު ކުޅުނެވެ. އެ މެޗުގައި 2-0ގެ ނަތީޖާއަކުން ބީޗް ސިޓީ ވިމެންސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސީއެސް ވިމެންސްއެވެ.

comment ކޮމެންޓް