އެއާޕޯޓް އިމާރާތަށްފަހު މުޅި ހުޅުމާލޭގައި ދެން އެންމެ ބޮޑުވާނީ ފުޓްސަލް ކޮމްޕްލެކްސް ކަމަށް ބެލެވޭ: ރާފިޢު

ގައުމީ ފުޓްސަލް އެރީނާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ކުޅިވަރު ވުޒާރާ

ހުޅުމާލެ ފޭސް ތިނެއްގައި ސަރުކާރުން ތަރައްގީކުރަމުން އަންނަ ގައުމީ ފުޓްސަލް އެރީނާގެ މަސައްކަތް ނިމޭއިރު، ބެލެވޭ ގޮތުގައި އެތަން ވެގެންދާނީ މުޅި ހުޅުމާލެއަށް ބެލި ނަމަވެސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިމާރާތަށް ފަހު ދެން ހުންނާނެ އެންމެ ބޮޑު އިމާރާތަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމް ޓީވީގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ފުޓްސަލް އެރީނާގެ މަސައްކަތަކީ ކުޑަކަމެއް ނޫން ކަމަށާއި، އަލަށް ހަދާ އިމާރާތުގައި ގާތްގަނޑަކަށް 1,100 ޓަނުގެ ސްޓީލް ސްޓްރަކްޗާއެއް ގާއިމުކުރާނެ ކަމަށެވެ.

"މިއީ ކުޑަކަމެއް ނޫން، އަޅުގަނޑުމެން މި ދައްކަނީ ވަރަށް ބޮޑު އިމާރާތެއްގެ ވާހަކަ. މިތަނަށް ގާތްގަނޑަކަށް 1,100 ޓަނުގެ ސްޓީލް ސްޓްރަކްޗާއެއް އެބަ އާދޭ. މުޅި ހުޅުމާލެއަށް ބެލި ނަމަވެސް، އެއާޕޯޓް އިމާރާތަށް ފަހު ދެން އެންމެ ބޮޑު އިމާރާތަކަށް ވެގެންދާނީ މިތަން ހަދައި ނިމޭއިރު. ކޮންޓްރެކްޓަރު ވެސް ވިދާޅުވަނީ ޗާޓަރު ކޮށްފައިވާ ބޯޓަކުން މި ތަކެތި ސީދާ ރާއްޖެ ގެންނަ ގޮތަށް ޕްލޭން ކުރެވިގެންދާ ކަމަށް. ވަރަށް ބޮޑު އުންމީދަކާއެކު މި މަސައްކަތް ކުރިއަށްދާއިރު، އަޅުގަނޑުމެންގެ އަމާޒަކީ 18 މަސްދުވަހުގެ ތެރޭގައި މިތަން ނިންމުން." ވަޒީރު ރާފިޢު ވިދާޅުވިއެވެ.

ފުޓްސަލް ކޮމްޕްލެކްސް އިމާރާތުގެ ނަމޫނާ--

ވަޒީރު ވިދާޅުވީ، ސްރީ ލަންކާ ޕޯޓް މެދުވެރިކޮށް ތަކެތި ގެނައުމުގައި ލަސްތަކެއް ކުރިމަތިވެދާނެތީ، ރިސްކު ނަގަން ބޭނުންނުވާތީ ކޮންޓްރެކްޓަރުގެ ފުރިހަމަ އެއްބާރުލުމާއެކު އެރީނާއަށް ބޭނުންވާ ތަކެތި ގެންނާނީ ޗާޓަރު ބޯޓެއްގައި ސީދާ ރާއްޖެއަށް ކަމަށެވެ. އަދި މަސައްކަތް ނިންމުމަށް 18 މަސްދުވަސް ކަނޑައަޅާފައި ވީނަމަވެސް، އުންމީދަކީ އެއަށްވުރެ އަވަހަށް މަސައްކަތް ނިންމާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއު ފެށުމުގެ ކުރިން ކުރަންޖެހޭ މުހިންމު ކަންކަން ނިންމުމަށް ވަގުތު ނެގިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ހަމަޖެއްސި ބިން ކުޑަވުމާއެކު، ބިން އެހެން ލޮކޭޝަނަކަށް ބަދަލުކޮށް ޑިޒައިން ފައިނަލް ކުރުމަށް ފަހު، މަސައްކަތް ފެށީ ހުއްޓާނުލާ ކުރިއަށްގެންގޮސް އެއްކޮށް ނިންމާލެވޭނެ ޕްލޭނަކާއެކު ކަމަށެވެ.

"ސަބަބަކީ އެއީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަދުވަސްވީ އުންމީދުތަކެއް މީ. އެހެންވީމަ އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް މި ދައުރު ނިމުމުގެ ކުރީގައި، އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު މިތަން އޮންނާނީ ފަންކްޝަންއަށް ގެނެވިފައި،" ވަޒީރު ވިދާޅުވިއެވެ.

ފުޓްސަލް އިންޑޯ ކޮމްލެކްސްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ސަން

ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ ގައުމީ ފުޓްސަލް އެރީނާ އާއި ގައުމީ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހުއެވެ. ލިއޯ ޓްރޭޑިންއާ ހަވާލުކޮށްފައިވާ މި ފުޓްސަލް އެރީނާ ތަރައްގީކުރާނީ ފީފާ މިންގަނޑަށް 21 މީޓަރު އުސްމިނަށެވެ. މި މަލްޓި ލެވެލް އިންޑޯ އެރީނާގައި އެއް މެޗު ކޯޓާއި ދެ ޕްރެކްޓިސް ކޯޓު އަދި މަތީ ފަންގިފިލާގައި އިތުރު ދެ ޕްރެކްޓިސް ކޯޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުޓްސަލް އަކީ އިންޑޯ ކުޅިވަރަކަށްވާއިރު، ރާއްޖޭގައި އިންޑޯ ފުޓްސަލް އެރީނާއެއް ނެތުމުގެ ކަންބޮޑުވުން ކުޅުންތެރިން އަންނަނީ ފާޅުކުރަމުންނެވެ. ހާއްސަކޮށް ގައުމީ ފުޓްސަލް ޓީމުން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނައިރު، މިފަދަ އެރީނާއެއްގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ. މިގޮތުން ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭން މިއަހަރުގެ ކުރީކޮޅު ހޯދާފައިވާއިރު، މިދިޔަ މަހު ޗައިނާގައި ކުޅުނު ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ހޮންކޮން ބަލިކޮށް ރާއްޖޭން ވަނީ ތިންވަނަ ހޯދާފައެވެ.

comment ކޮމެންޓް