ރައްކާތެރިވާން ކުރާ ކަމަކުން ނުރައްކާ!

ރައްކާތެރިވުމުގެ ގޮތުން ކުރާ ކަމަކުންވެސް ނުރައްކާތެރި ޙާލަތެއް މެދުވެރިވުމަކީ ވެދާނެކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހޭ -- ފޮޓޯ / ސައުތުއަލްބަމާ.އެޑިޔު

ތަންތަނާއި ތަކެތީން ކުރަންޖެހޭ އަސްލު ބޭނުން އޮއްވައި، އެކަށީގެންނުވާ ގޮތްގޮތަށް އެ ތަންތަނާއި ތަކެތީގެ ބޭނުން ކުރުމީ އަހަރެމެން ދިވެހީންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. މިސާލަކަށް؛ ތާރު އަޅައި ނުވަތަ ގައު އަތުރައިގެން ވަރަށް ރީތިކޮށް ހަދާފައި ހުންނަ ތަންތަނުގައި ގަސް އިންދުމަށް ބަހައްޓަފައި ހުންނަ ވެލި ބިންކޮޅުތައް ބަދަލުކޮށްލަނީ ދުފައިގެން ރަތްކުޅާއި ހައްޕުނޑު އުކާ ތަނަކަށެވެ. ނޫނީ ކުނި ޖަމާކުރާ ޑަސްބިނަކަށެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި ވަކި ކަހަލަ ބޭނުންތަކަށް ހުންނަ ރޭމްޕާއި އެކްސަސް ޕޮއިންޓުތަކަށް ބަލާއިރު، މިސްކިތުގައި ހުންނަ އެފަދަ ތަންތަން ހަދަނީ ފައިވާން ބަހައްޓާ ތަނަކަށެވެ. މަގާއި ދުވާރަށްވާގޮތަށް ހުންނަ ތަންތަން އެއީ "ޚާއްޞަ" ޕާކިން ޒޯނުތަކެވެ.

މީހުންގެ ނުބައި އަޚުލާޤާއި އަމިއްލަ އެދުމާއި އަނެކާއާމެދު ވިސްނުމެއް ނުބަހައްޓާކަން އެންމެ ރީތިކޮށް ފެންނަ އެއްތަނަކީ މަގުމައްޗެވެ. ސިނަމާލެ ބުރިޖުގައި ދަތުރުކޮށްފައި ދަނިކޮށް ވާރޭ ވެހެން ފެށުމުން ބުރިޖު މައްޗަށް ސައިކަލު މަޑުކޮށް މަޑިދަށުން ކޯޓު ނަގައިގެން ކޯޓުލާން ބަރިހަދާފައި ތިބޭ މީހުން ނުދެކެމުހެއްޔެވެ؟ މިއީ ކިތަންމެ ޢާއްމު ކަމެއްނަމަވެސް ހެޔޮވިސްނޭ މީހަކުނަމަ އެކަން އެގޮތަކަށް ނުކުރާނެއެވެ. ބުރިޖާއި ހައިވޭފަދަ ބާރަށް ދުއްވާ އަދި ވަރަށް ނާދިރު ހާލަތެއްގައިނޫނީ މަޑުކުރުން ހުއްދަނޫން ތަންތަނަށް އަރާއިރު، މޫސުމަށް ބަލައި އެކަމަށް ތައްޔާރުވުމީ ދުއްވާމީހާގެ ފަރުދީ ޒިންމާއެކެވެ. މިސާލަކަށް؛ ދަތުރެއް ކުރަން ބޭނުންވާ ވަގުތު ވާރޭ ވެހިދާނެކަމަށް ލަފާކުރެވޭއިރު، ތެމެން ބޭނުންނުވާނަމަ ދުރާލައި ކޯޓު ލައިގެން ދުއްވަން ފައްޓާނީއެވެ. ޖީބުގައި އޮންނަ ފޯނާއި އެނޫންވެސް އެބާވަތުގެ ތަކެތި ކުރީބައިގައި މަޑިދަށް ލައި ރައްކާކުރާނީއެވެ. ބުއްދިއާއި ލޯ ސަލާމަތުން ހުންނަ މީހުންނަށް އެކަން ކުރާކަށް އުނދަގުލެއްނުވާނެއެވެ.

މަގު ބޭނުންކުރާ އެންމެންގެ ހައްގުގައި ތިމާ އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމަނުކޮށް، ބުރިޖު ނުވަތަ ހައިވޭގައި މަޑުކުރުން ރައްކާތެރިނޫން ހިސާބުތަކަށް މަޑުކޮށް، ކޯޓުލާން ތިބުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނޭކަމެއްނޫނެވެ. ތިމާގެ އަމިއްލަ މަޞްލަޙަތެއް ޙިމާޔަތް ކުރުމަށްޓަކައި، އެހެން ބަޔަކު ހަލާކުގެތެރެއަށް ވެއްޓިދާނެފަދަ ޢަމަލެއްކޮށްގެންނުވާނެއެވެ. ސީދާ މިކަން ނޫނަސް މިފަދަ ނާތަހުޒީބު ފަރުވާކުޑަ ޢަމަލުތަކުގެ ސަބަބުން، ބުރިޖާއި ހައިވޭގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތައް މަދެއްނޫނެވެ. އެގޮތުން ބަލާއިރު؛ މީހުންގެ ފުރާނަދިއުމާއި ބޮޑެތި ޒަޚަމުތައް ލިބޭ ނުވަތަ މީހާ ނުކުޅުދުންތެރި ޙާލަތަށް ގެންދާފަދަ އެކްސިޑެންޓުތައް ހިނގާފައިވެއެވެ. ވެހިކަލުތައް ހަލާކުވެ މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭފަދަ ހާދިސާތައްވެސް ހިނގާފައިވެއެވެ.

އިރު އޮއްސި މޫނު އަނދިރިގަތް ވަގުތު ހުޅުމާލެއިން މާލެއަށް ކުރި ދަތުރެއްގައި ފެނުނު މަންޒަރަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހުޅުމާލެ-ހުޅުލެ ހައިވޭއަށް އަރަން ދިޔައިރު ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. ހައިވޭއަށް އަރައި ފަންސާސް ކިލޯމީޓަރަށް ދުވެލި ބާރުކޮށްލި ވަގުތު، މަގުގެ ވާތްފަރާތުގައި ސައިކަލުތަކެއް ބަރިއަކަށް ބަހައްޓާފައި ހުރިތަން ފެނުނެވެ. ވަރަށް ދިގު ސަފެކެވެ. ބައެއް ސައިކަލުގެ ސިގުނަލު ދިއްލޭއިރު ގިނަ އެއްޗެތީގައި އެކަމެއް ނެތެވެ. އެންމެ އަޖައިބުވީ، ސައިކަލުތައް އެތާ ހުރިނަމަވެސް އޭގެ ކައިރިން އެއްވެސް މީހަކު ފެންނާންނެތީމައެވެ. ގަންނާކުރެއްވި ބިރުން ދުވެލި މަޑުކޮށްލައި އިތުރަށް ސަމާލުވެގެން ދުއްވަމުން ގެންދިޔައީމެވެ. އެހެންވިއްޔާ އެތަނުގައި ޕާކުކޮށްފައިވާ ސައިކަލުތަކުގައި ދިޔަ މީހުން ކޮބައިހެއްޔެވެ؟

ބައެއްމީހުންގެ ތުނބުން އަލިފާން ބުރިއެއް ފާޅުވާއިރު، އެމީހުން ތިބީ އެވަގުތު ވެހެމުން ދިޔަ ވާރެއިން ހިޔާވެވޭނެގޮތް ހޯދައިގެންނެވެ. ވަރަށް ހަނި ހިސާބުތައްވެސް ހުންނަ އެ ހައިވޭގެ އެއްފަރާތަށް ސައިކަލުތައް ދޫކޮށްލާފައި، "އެތަނަށް" ވަދެ ތިބެދާނެކަމަށް ޤަބޫލުކުރަންވެސް ދަތިވެދާނެއެވެ! ނަމަވެސް ... ހައިވޭގެ އިރުމަތީ ފަރާތުގައި އެއްކޮޅުން އަނެއްކޮޅަށްވާގޮތަށް ހަރުކޮށްފައި އެހުންނަ ސޯލާ ޕެނަލްތަކުގެ ދަށް، އެމީހުންނަށް ފެންނަނީ "ވާރެޔާ ހިޔާވާން ހަދާފައިވާ" ހިޔާވައްސެއްގެ ގޮތުގައެވެ. ފަނޑު އަލިކަމެއް ހުއްޓަސް އެއީ ރޭގަނޑުކަމާއި އެތަނަކީ ތަފާތު ބާވަތްތަކުގެ އުޅަނދުތައް ބާރު ދުވެލީގައި ދުއްވަމުންދާ ތަނެއްކަން އެމީހުން ބަލާކަށް ބޭނުމެއްނުވެއެވެ. އެފަދަ ތަނެއްގައި ސައިކަލުތަކެއް ބަރިއަކަށް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކާމެދު ވިސްނާނެ ހިތްވަރެއް އެމީހުންގެ ކިބައިގައި ނެތެވެ. އެފަދަ މީހުންނަށް، "ނަފްސީ ނަފްސީ" ގެ އަހުލުވެރިންނޭ ކިއިދާނެއެވެ. އެއީ އެހެންމީހުންނާމެދު އެއްވެސް ފަރުވާލެއްނެތި ހަމައެކަނި އަމިއްލަ ނަފުސާމެދު ކަންބޮޑުވާ މީހުންނެވެ.

ތިމާގެ އަމިއްލަ ރައްކާތެރިކަމަށްޓަކައިކަމަށްވިޔަސް ކުރާ ކަމަކުން އެހެން މީހަކަށް ގެއްލުމެއް ލިބިދާނެފަދަ ޢަމަލުތައް ކުރުމީ އިސްލާމީ އުޞޫލެއްނޫނެވެ. އިސްލާމްދީން އަންގަވަނީ ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހެޔޮކަން ތިމާގެ އަޚާއަށްވެސް އެދުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "އެމީހެއްގެ އަމިއްލަ ނަފްސަށް އެދޭ ކަންކަން އެމީހެއްގެ އަޚާއަށް ނޭދޭހައިހިނދަކު ތިޔަބައިމީހުންކުރެ އެކަކުވެސް އީމާންވީކަމުގައި ނުވާނެއެވެ."(متفق عليه) ހަމަ މިއާއެކު، ފުރިހަމަ މުސްލިމެއްވިއްޔާ އޭނާގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ގެއްލުމެއް ނުދޭނެކަމަށް ޙަދީޘްކުރެއްވިއެވެ.(متفق عليه) މީސްތަކުންނަށް ގެއްލުން ލިބިދާނެފަދަ ކަންތައްތައްނުކޮށް، ތިމާގެ އަޚާގެ (ޖާއިޒު) ބޭނުންތައް ފުއްދައިދިނުމުގައި ދެމި ހުރެއްޖެމީހާގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި، ﷲ ވޮޑިގެންވާނެކަމަށްވެސް އަންގަވާފައިވެއެވެ.(ބުޚާރީ: 2442) ވީމާ، އިންޒާރުގެ ރަނގަބީލު ޖަހަޖަހައި އޮންނަ ބުރިޖާއި ހައިވޭއަށް މަޑުކޮށްގެން ތިބެ ވާރޭ ކޯޓު ލުމާއި މަޑި ދަށަށް އެއްޗެތިލުމުގެ އާދަ ދޫކޮށްލަމާ ހިނގާށެވެ! މުޅީން އަލަށް ފެށި ކަމެއްކަމުގައިވާ، ހައިވޭގެ އަރިމަތީގައި ސައިކަލު ޕާކުކޮށްފައި ވާރެއާ ހިޔާވުމަށްޓަކައި ސޯލާ ޕެނަލްތަކުގެ ދަށަށް ވަދެ ތިބުން ނިމުމަކަށް ގެންނަމާ ހިނގާށެވެ! ތިމާގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅަކުން އަނެކާ ނުރައްކަލުގެތެރެއަށް ވެއްޓިދާނެފަދަ ކަންކަމާ ދުރުހެލިވަމާ ހިނގާށެވެ!

ގުޅޭ ޓެގު
comment ކޮމެންޓް