ޣައްޒާގެ ކުޑަކުދިންގެ ހައްގުތައް ވަނީ ވަރަށް ބޮޑަށް ނިގުޅައިގެންފައި: ޔުނިސެފް

އިސްރާއީލުން ވަނީ ޣައްޒާގެ ކުޑަކުދިންގެ ހައްގުތައް ވަރަށް ބޮޑަށް ނިގުޅައިގެންފައި ކަމަށް އދ ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ (ޔުނިސެފް)އިން ބުނެފިއެވެ.

ޔުނިސެފާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ތިން ހަފްތާއަށް ވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި 2،360 ކުޑަކުދިން ޣައްޒާގައި ވަނީ ޝަހީދުވެފައެވެ. މިއާ އެކު މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީތެރިކަން ދެމެހެއްޓެނިވި އަދި ހުރަހެއް ނެތި ލިބޭނެ ގޮތެއް ހަދައި ދިނުމަށް ޔުނިސެފުން ވަނީ ގޮވާލާފައެވެ.

އިސްރާއީލުން ކެނޑިނޭޅި ދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އިތުރު 5،364 ކުޑަކުދިން ޒަޚަމްވެފައިވާ ކަމަށް ވެސް އިއްޔެ ދުވަހު ޔުނިސެފުން ހާމަކޮށްފައިވެއެވެ.

ޔުނިސެފުން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު އަޑެލް ހުދޫރާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ޣައްޒާގައި ކުޑަކުދިން މަރުވާ ރޭޓު ފެނި ހައިރާންވެއެވެ. އަދި، މި އަށް ވުރެ ބިރުވެރި ކަމަކީ ކާބޯތަކެއްޗާއި، ފެނާއި ،ބޭސް ފޯރުކޮށްދޭން ހުއްދަ ނުދީފިނަމަ މަރުވާ އަދަދު އިތުރުވާނެތީ ކަމުގައި ވެސް އަޑެލް ވިދާޅުވިއެވެ.

ކާބޯތަކެއްޗާއި، ފެން އަދި ބޭސް ވެސް ނުލިބި ގެދޮރު ގެއްލި، ޣައްޒާގެ ކޮންމެ ކުއްޖަކު ވެސް މިހާރު ވަނީ ނުރައްކާތެރިކަމަށް ހުށަހެޅިފައި ކަމަށް ޔުނިސެފުން ބުނެއެވެ. އިސްރާއީލުން ޣައްޒާއަށް އެންމެ ފަހުން ދިން ހަމަލާތަކުގައި ވެސް 30 ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި އެތައް ބަޔަކު ޣައްޒާގެ އެތެރޭގައި ހަމަލާތަކުގެ މެދުގައި ތާށިވެފައިވާ ކަމަށް ވެސް ޔުނިސެފުން ވަނީ ބުނެފައެވެ.

"މި ހާލަތުގައި ޔުނިސެފުން ގޮވާލަނީ މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލަން. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ރަހީނުކޮށްފައިވާ އެންމެން ދޫކޮށްލުމަށް. ހަނގުރާމަތަކުގައި ވެސް ގަވާއިދުތަކެއް ހުރޭ. އާންމުންނަށް ރައްކާތެރިކަން ދޭން ޖެހޭ، ހާއްސަކޮށް ކުޑަކުދިން، އަދި ހުރިހާ ހާލަތެއްގައި ވެސް އެ މީހުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ،" އެޑެލް ވިދާޅުވިއެވެ.

މެދުކެޑުމެއްނެތި ހަނގުރާމަ ކުރުމުގެ ސަބަބުން ޣައްޒާގެ ކޮންމެ ފަސް ކުއްޖަކުން ހަތަރު ކުއްޖަކު ޑިޕްރެޝަންގެ ޝިކާރައަކަށްވެ، ދިރިއުޅެނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރެން"އިން 2022 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައިވެއެވެ.

ޣައްޒާގައި ދިރިއުޅޭ ޖުމްލަ ކުޑަކުދިންގެ ދެބައިކުޅަ އެއްބައި ކުދިން އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅޭ ކަމަށާއި އެހެން ކުދިން މަރުވެގެންދާތަން ފެނި އެކަމުގެ ބިރުވެރިކަމުގައި އުޅޭ ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާގެ ބޮން އަޅާފައިވާ ސަރަހައްދެއްގައި ފަލަސްތީނުގެ ދެ ކުޑަކުދިން އިށީދެލައިގެން ފޮޓޯ/އަލްޖަޒީރާ

ފަލަސްތީނުގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކުން މިދިޔަ ހަފްތާ ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި ކޮންމެ ފަނަރަ މިނެޓަކުން ކުޑަކުއްޖަކު މަރުވެއެވެ.

ހަނގުރާމަ ފެށުމާ އެކު ޣައްޒާގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި، އެތަން ތަން މިހާރު ބޭނުން ކުރަމުން އަންނަނީ ގެދޮރު ގެއްލިފައިވާ މީހުންނަށް ބޯހިޔާވަހިކަން ދޭ ތަންތަނުގެ ގޮތުގައެވެ.

ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް ފަހު އިސްރާއީލުން ވަނީ ޣައްޒާ އެއްކޮށް ބަންދުކޮށް، ކާބޯތަކެއްޗާއި ތެލާއި، ފެން ވެސް ނުވެއްދޭގޮތް ހަދާފައެވެ. ފެނާއި ކާބޯތަކެތި ޣައްޒާއަށް ވެއްދުމުގެ ހުއްދަ މިދިޔަ ހަފްތާ އިސްރާއިލުން ވަނީ ދީފައެވެ. ނަމަވެސް އެތެރެކުރެވޭ ތަކެތީގެ ތެރޭގައި ޣައްޒާއަށް މި ވަގުތު އެންމެ މުހިންމު ތެޔޮ ނުހިމެނޭ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

ހޮސްޕިޓަލްތަކަށާއި، ޑީސަލިނޭޝަން ޕްލާންޓުތަކަށް އަދި ފެން ޕަމްޕުތައް ހިންގުމަށް ބޭނުންވާ ތެޔޮ މިވަގުތު ޣައްޒާއަށް ވަރަށް މުހިންމު ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. އަދި، އިންކިބޭޓަރުތަކަށް ލައިގެން ފަރުދޭ އަލަށް ވިހާފައިވާ ތުއްތު ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ޣައްޒާއަށް ތެޔޮ ބޭނުންވާ ކަމަށް ޔުނިސެފުން ބުނެއެވެ.

comment ކޮމެންޓް