ނަޝީދަށް ދިން ހަމަލާ: ސަރުކާރާއި އިދިކޮޅުގެ އަތެއް ނެތް

މެއި ހަޔެއް ހަމަލާ މޮނީޓާ ކުރަން ރައީސް ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް -- ފޮޓޯ/ ރައީސް އޮފީސް

ދެހާސް އެކާވީސް ވަނަ އަހަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ސަރުކާރުގެ ނުވަތަ އިދިކޮޅު ޕާޓީއެއްގެ ވެސް އެއްވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ތަހުގީގަށް ހޯދިފައިނުވާ ކަމަށް އެ މައްސަލަ މޮނީޓާ ކުރަން ރައީސް ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ފާއިޒް ވިދާޅުވީ އެ ހަމަލާއާ ގުޅުން އޮތް ކަމަށް ވާހަކަދެކެވޭ ފަރާތްތަކުގެ ގޮތުގައި، ދައުލަތާއި އިދިކޮޅާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ގުރޫޕުތައް ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގުގައި އެ ތުހުމަތުތައް ވަރަށް ސީރިއަސްކޮށް ބެލި ކަމަށެވެ. ނަމަވެސް އެ ހަމަލާއާ, ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާ ވެސް ގުޅުމެއް އޮތްކަމުގެ އެއްވެސް ހެއްކެއް ނުފެންނަ ކަމަށް އައްބާސް ފާއިޒް ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީ މައްސަލައިގައި ޖަވާބުދާރީކުރުވާނެކަން ނަޝީދު އިއުލާންކުރެއްވުމުގެ މާ ކުރިން ފެށިގެން، މެއި ހަޔެއް ހަމަލާ ރާވާފައިވާކަން ފާހަގަވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅުންހުރި ހެކިތަކުން ވަރަށް ބޮޑަށް ދޭހަވޭ މިކަން ރޭވި މީހުންނާ އެމީހުންގެ ހަރުކަށި ފިކުރާ ވަރަށް ބޮޑަށް ގުޅުންއޮތްކަން،" އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިޔައީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހަމަލާ ދޭނެ ގޮތް ރޭވުމުގައާއި ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ މައްސަލަ އެއް ކެޓަގަރީގައި ހިމެނޭއިރު ދެވަނަ ކެޓަގަރީގައި ހިމެނެނީ ހަމަލާ ދޭން ނިންމައި، ފައިސާ ޚަރަދު ކުރި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅުން ހުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް، އެމީހުންގެ ތެރޭގައި ނުހިމެނޭ ބަޔެއްގެ ފަރާތުން މާލީ ނުވަތަ އެހެނިހެން އެހީ ލިބިފައިވުންކަން ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. އެހެންވެ، ތަހުގީގުގެ ތެރޭގައިވަނީ ތުހުމަތު ކުރެވޭ މީހުންގެ ބޭންކް ސްޓޭޓްމެންޓުތަކާއި ބޭންކް އެކައުންޓުތަކާއި ޑިޖިޓަލް ފުޓްޕްރިންޓް އެނަލައިޒްކޮށްފައި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

"އެމީހުންގެ އަމިއްލަ ގުރޫޕުގެ ބޭރުން މާލީ އެހީ ލިބިފައިވާ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ހޯދިފައިނުވޭ. ތަހުގީގަށް ލިބިފައިވާ ހެކިތަކުން ތަކުރާރުކޮށް އެބަ ދައްކުވައިދޭ މި ހަމަލާ ދިނުމުގެ މައިގަނޑު ސަބަބަކީ ހަރުކަށި ފިކުރުކަން،" އައްބާސް ވިދާޅުވިއެވެ.

ހަމައެއާއެކު، މި ހަމަލާއާއި ރާއްޖެއިން ބޭރުގެ ހަރުކަށި ފިކުރުގެ ގުރޫޕަކާ ގުޅުމެއް އޮތްކަން ވެސް ތަހުގީގަށް ފާހަގަކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އައްބާސް ވިދާޅުވީ މިއީ ހަމައެކަނި ނަޝީދަށް ދިން ހަމަލައެއް ނޫން ކަމަށާއި މިއީ، ޑިމޮކްރަސީ އާއި ޚިޔާލު ތަފާތުވުންތައް ބަލައިގަތުމާއި ގާނޫނީ ވެރިކަމާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމަށް ވެސް ދިން ހަމަލާއެއް ކަމަށެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މުޖުތަމައުގެ ގިނަ ބަޔަކު އެދޭ ކަމެއް ކަމަށް އޭނާއަށް ކުރެވުނު ތަޖުރިބާއިން އެނގޭ ކަމަށާއި އެ ގޮވާލުމަށް އިޖާބަދީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.

"ސަރުކާރުގެ އިތުރުން ސިޔާސީ ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ތައުލީމީ ނިޒާމުންނާއި ސަގާފީ މުއައްސަސާތަކުންނާއި ކަމާ ގުޅުންހުރި ޖަމިއްޔާޖަމާއަތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ގުޅިހެން ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލުމަށް ދުރާލާ ރާވައިގެން އައިއީޑީއެއް ގޮއްވާލައިގެން ހަމަލާއެއް ދީފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭގައެވެ. އެއީ އެމަނިކުފާނުގެ ގެކޮޅުން، މަޖީދީ މަގުގައި އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެ އައިޑީ ހަރުކޮށްފައި އޮތީ އެ ގޯޅީގެ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ.

އެ ހަމަލާގައި ނަޝީދަށް ބޮޑެތި ޒަޚަމްތަކެއް ލިބުނެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުން ދިގު މުއްދަތެއް ވަންދެން ފަރުވާ ހޯއްދަވާފައެވެ.

އެ ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އެއީ އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދުގެ މައްޗަށާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށެވެ.

އޭގެ ތެރެއިން އަދުހަމަށް 23 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާއިރު އަލީ މަނިކުގެ މައްޗަށް ކުރީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް