ދިއްދޫ ފަރަށް އެރި އުޅަނދުތަކުން ޖޫރިމަނާ ނުދައްކާތީ ކޯޓަށް ދަނީ

މިދިޔަ މޭ މަހުގެ ދެވަނަ ދުވަހު ހއ. ދިއްދޫގެ ފަރަށް އެރި އުޅަނދުތަކުގެ ވެރިފަރާތް، އެޗުއާރުއެސް އިންފްރާޓެކް ކުންފުނިން ޖޫރިމަނާގެ މުއްދަތު ހަމަވިއިރު ވެސް ޖޫރިމަނާ ނުދައްކާ ކަމަށް އެންވަރަމެންޓު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފިއެވެ.

ދިއްދޫ ފަރަށް އަރާފައި ވަނީ އެ ކުންފުނީގެ "ޓީބީ މުތާ ޕްރިންސަސް" ޓަގު ބޯޓާއި "މުތާ ޕްރައިޑް" ނަމަކަށް ކިޔާ ބާޖެކެވެ.

މިގޮތުން، މި އުޅަނދުތަށް ފަރަށް އެރި މައްސަލައިގައި، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެ ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ވަނީ އަންގައިފައެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިރޭ ''ސަން''އަށް ވިދާޅުވީ ޖޫރިމަނާ ނުދައްކާ ލަސްވާ ކަމަށް ވާނަމަ ދަޢުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށްޓަކައި ކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ދިއްދޫ ފަރަށް އެރި އުޅަނދުތަކުން ޖޫރިމަނާ ނުދައްކާ މައްސަލަ ކޯޓަށް ވައްދަން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫގެ ފަރުގެ 4,038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން، ގެއްލުންތައް ބަލައި ވަޒަންކޮށްފައި ނިންމީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރާށެވެ. ނަމަވެސް، ގާނޫނުގައި ބަޔާންކުރާ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާ ކަމުގައި ވާތީ އެ އުޅަނދުތަކުގެ ވެރިފަރާތް ޖޫރިމަނާ ކުރީ އެ އަދަދުންނެވެ.

comment ކޮމެންޓް