ނައްތާލީ ބޭނުންނުހިފޭ ކުރީގެ ލިޔުންތަކެއް: އެފްއެސްއެމް

އެފްއެސްއެމްގެ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލަނީ--

ސިމެންތި ގަށާ މެޝިނަށް ލައި ނައްތާލީ ބޭނުން ނުހިފޭ ކުރީގެ ލިޔެކިޔުންތަކެއް ކަމަށް، ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)އިން މިއަދު ބުނެފިއެވެ.

އެ ކުންފުނިން ބުނީ މުހިންމު ލިޔެކިޔުންތަކެއް ނައްތާލަމުން ދާކަމަށް ބުނެ މީސްމިޑިއާގައި ދައުރުވަމުންދާ ވިޑިއޯގައި ފެންނަ ލިޔެކިޔުންތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ގުދަން ކުރެވިފައިހުރި ލިޔެކިޔުން ތަކެއް ކަމަށެވެ.

އަދި މިހާރު އެފްއެސްއެމަށް އެ ލިޔެކިޔުންތަކުގެ އެއްވެސް ބޭނުމެއް ނުހިފޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފަދަ ވީޑިއޯތައް ނަގާ މީސް މީޑިއާގައި ދައުރު ކުރަމުން ދަނީ އާންމުންނާއި އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ކަމަށްވެސް އެ ކުންފުނީގެ މެނޭޖުމެންޓުން ދެކޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަދި މިފަދަ ކަންކަމަކީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅިގެންދާ ފަދަ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް އެ ކުންފުނީގެ މެނޭޖުމަންޓުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެފްއެސްއެމްގެ މުވައްޒަފުންތަކެއް ސިމެންތި ގަށާ މެޝިނަކުން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ނައްތާލާ މަންޒަރެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ވެރިކަން ބަދަލުވާން ކައިރިވެފައިވާ މި ދަނޑިވަޅުގައި މިފަދަ ލިޔެކިއުންތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ތަހުގީގު ކުރަން ވެސް ގޮވާލައިފައެވެ.

އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާނަމަ، އެހާ ގިނަ ލިޔެކިއުންތަކެއް ނައްތާލަންޖެހޭ ސަބަބަކާ މެދުވެސް ބައެއް މީހުން ސުވާލު އުފައްދައިފައި ވެއެވެ

މި ވީޑިއޯ ނަގާފައި ވަނީ އެފްއެސްއެމްގެ ޓެކްނީޝަނެއް ކަމަށްވާ އަހުމަދު އަނީސެވެ. އެ ވީޑިއޯ އާންމުވުމާ ގުޅިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.

comment ކޮމެންޓް