ކުންފުނިތަކަށް ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާގެ ދަރަނި ދެ އަހަރުތެރޭ ދެއްކޭނެ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު-- ފޮޓޯ/ ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނުން އެހެން ކުންފުނިތަކަށް ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާގެ ދަރަނި ކުރިއަށް އޮތް ދެ އަހަރުތެރޭ ދައްކާ ނިންމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ދަރަންޏާ ބެހޭ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

އެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ކުންފުނީގެ ދަރަނީގެ ލޯނުގެ ގޮތުގައި 871 މިލިއަނަށް ރުފިޔާ އެބައޮތް ކަމަށެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ އޮތް އިރު ޖުމްލަ 4.16 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އެ ކުންފުނީގެ ދަރަނި ފާއިތުވީ ފަސް އަހަރުތެރޭ އެހާ ބޮޑުވެފައި އޮތީ ކުންފުނީގެ ކުރީގެ މެނޭޖްމަންޓުގެ އިހުމާލުން ކަމަށެވެ.

އެ ދަރަނި ވީހާވެސް އަވަހަށް ދެއްކޭނެ ގޮތްތަކެއް ހޯދުމަށް ސަރުކާރާއެކު ވެސް މަޝްވަރާ ކުރަމުންދާކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އެކަމަށް ދައުލަތުގައި ވެސް އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިއޮތީ ކުންފުނިތަކަށް ވަރަށް ބޮޑަށް ދަރާފަ، އެކަމަށްޓަކައި ކުންފުނިތަކަށް އަޅުގަނޑުމެންގެ ފަރާތުން ނިހާޔަތައް މައާފަށް ވެސް އެދެން،" މުއާޒު ވިދާޅުވިއެވެ.

އެ ކުންފުނިން ބުނީ ކޭޝްފްލޯ މެނޭޖްކުރެވިއްޖެނަމަ ޚަރަދުކުޑަކުރުމުގެ އިތުރު ޕްލޭންތަކާ ނުލާ ވެސް ކުރިއަށް އޮތް ދެ އަހަރުތެރޭ ކުންފުނިތަކަށް ދައްކަންޖެހޭ 3.2 ބިލިއަން ރުފިޔާ ދެއްކޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ނަމަވެސް ޚަރަދުތައް މެނޭޖުކުރެވިއްޖެނަމަ އެއަށްވުރެ ވެސް އަވަހަށް އެ ދަރަނި ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެނަކައިން ހާމަކުރި ގޮތުގައި އެ ކުންފުނިން އެންމެ ބޮޑަށް ދަރާފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އަށެވެ. އެގޮތުން 3.2 ބިލިއަންގެ ތެރެއިން ހަމައެކަނި އެފްއެސްއެމްއަށް 1.8 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ދައްކަންޖެހެއެވެ.

މުއާޒު ވިދާޅުވީ މިހާރު އެ ކުންފުނިން ކުރަމުންދާ މަސައްކަތަކީ ވީހާވެސް ގިނަ ފަރާތްތަކަކަށް ދަރަނީގެ ފައިސާ އަވަހަށް ދެވޭނެ ގޮތެއް އޮތްތޯ ބެލުން ކަމަށެވެ. އެގޮތުން އާއްމުކޮށް އެ ކުންފުނިން ޚިދުމަތްތައް ހޯދަން ޖެހޭ ކުންފުނިތަކަށް ދަރަނި ދެއްކުމަށް އިސްކަން ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު އިތުރަށް ވިދާޅުވި ގޮތުގައި ފާއިތުވީ ފަސް އަހަރުތެރޭ އެ ކުންފުނިން މުސާރައަށް ކުރާ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއީ މުވައްޒަފުންގެ އަދަދު "އިންތިހާއަށް" އިތުރުވެފައިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގައި 2،700 މުވައްޒަފުން ތިބި ކަމަށާއި މިހާރު ކުންފުނީގައި 8،100 މުވައްޒަފުން އެބަ ތިބި ކަމަށް މުއާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މުސާރައަށް ހޭދަ ކުރަން ޖެހެނީ 20 މިލިއަން ރުފިޔާ ކަމަށާއި، މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް 74 މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށެވެ.

"އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަ ކުރަން ޖެހުނު. ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް ޕޭ ރޯލްއިން ހަމައެކަނި 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވި ގޮތުގައި އެ ކުންފުންޏާ އާ މެނޭޖްމެންޓުން ހަވާލުވިއިރު ހުރިހާ ދާއިރާއަކުން ވެސް އޮތީ ވަރަށް ބޮޑެތި ގޯސްތަކެއް ހަދާފައެވެ.

comment ކޮމެންޓް