އޯޝަން ހެކަތޯންގެ އެއްވަނަ "އުދަ" އެޕްލިކޭޝަނަށް

"ދަ މޯލްޑިވްސް އޯޝަން ހެކަތޯން"ގެ އެއްވަނައަށް ގޮސްފައިވަނީ "އުދަ" އެޕްލިކޭޝަން --

މި މަހު 15 އިން 17 އަށް ކޮރޮސްރޯޑްސް މޯލްޑިވްސް ގައި ބޭއްވުނު "ދަ މޯލްޑިވްސް އޯޝަން ހެކަތޯން"ގެ އެއްވަނަ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ޓީމުން ތައްޔާރުކުރި "އުދަ" އެޕްލިކޭޝަނަށް ލިބިއްޖެއެވެ.

މި ހެކަތޯންއަށް އެއްވަނަ އިނާމަކަށް ކަނޑައަޅާފައިވަނީ 10,000 އެމެރިކާ ޑޮލަރަށްވާ ދިވެހި ރުފިޔާއެވެ.

މި ހެކަތޯންގެ ދެވަނައަށް ގޮސްފައިވަނީ "ކްލިމްވޮޗް" ކިޔާ އެޕެކެވެ. އަދި، ތިންވަނައަށް ގޮސްފައިވަނީ "ވެށިރައްކާ" ކިޔާ އެޕެކެވެ. މި ހެކަތޯންގެ ދެވަނަ ފަރާތަށް 3,000 އަދި ތިންވަނަ ފަރާތަށް 2,000 ޑޮލަރު މޯލްޑިވްސް އިސްލާމިކް ބޭންކުން ހުށަހަޅާފައިވެއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތޯން" ގެ ދެވަނައަށް ގޮސްފައިވަނީ "ކްލިމްވޮޗް" އެޕްލިކޭޝަން ---

ޖުމުލަ 21 ފަރާތަކުން މި ހެކަތަންގައި ބައިވެރިވުމަށް ހުށަހެޅިއިރު މީގެ ތެރެއިން ފުރުސަތު ދެވުނީ މި ފަހަރުގެ ހެކަތޯންގައި ކަނޑައަޅާފައިވާ ޗެލެންޖާއި ގުޅުންހުރި 10 ފަރާތަކަށެވެ.

މި ފަހަރުގެ ހެކަތޯންގެ ޗެލެންޖް ތަކަކީ، އޯޝަން ޕޮލިއުޝަން، އޯޝަން އެނާޖީ އަދި ކޯސްޓަލް ޕްރޮޓެކްޝަން އެންޑް އައިލެންޑް ކޮމިއުނިޓީ ރިޒިލިއަންސްއެވެ.

މި ޗެލެންޖްތަކަކީ ކަނޑުފަޅުގެ ރަށްކާތެރިކަމާއި ނަފާހޯދުމަށް ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކުރެވޭނެ ގޮތްތައް ދެނެގަނެ އީޖާދީ ވިސްނުމާއި ހިޔާލަށް މަގުފަހި ކުރުމެވެ. މި ހެކަތޯންގައި 10 ޓީމްގެ ފަރާތުން 50 ބައިވެރިން ހަރަކާތްތެރިވިއެވެ. މީގެ ތެރޭގައި މެލޭޝިއާގެ އޭޝިއާ ޕެސިފިކް ޔުނިވާސިޓީގެ ޓީމެއް ވެސް ހިމެނެއެވެ.

"ދަ މޯލްޑިވްސް އޯޝަން ހެކަތޯން"ގެ ތިންވަނައަށް ގޮސްފައިވަނީ "ވެށިރައްކާ" އެޕްލިކޭޝަން --

މި ހެކަތޯންގެ ހިންގަމުންދިޔައިރު ބައިވެރިވި 10 ޓީމްތަކުގެ މެންބަރުންނަށް އެކިއެކި މެންޓާޝިޕް ޕްރޮގްރާމްވަނީ ހިންގާފައެވެ.

މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގައި ސްޓާޓްއަޕް ޕްރޮގްރާމްތަށް ކުރިއަށް ގެންދިއުމަށް މަޝްހޫރު "ސްޕާކްހަބް"ގެ ފަރާތުންނެވެ.

ހަމައެއާ އެކު، މި ހެކަތޯން ކުރިއަށްގެންދެވިފައިވަނީ، ދިރާގު، މޯލްޑިވްސް އިސްލާމިކް ބޭންކް، ކްރޮސްރޯޑްސް މޯލްޑިވްސް، ވިލާ ކޮލެޖް، ނޫރާއްޖެ، ޕީއެސްއެމް އަދި ބޭރުގެ ދެ ފަރާތެއް ކަމަށްވާ މައިކްރޯސޮފްޓް އާއި އެކްސްޕްރައިޒްގެ އެހީތެރިކަމާ އެކުގައެވެ.

comment ކޮމެންޓް