އެންމެ މޮޅު އެތުލީޓުންނަށް ނާހިލް އާއި އަހުނާ

އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު އަހުނާ(ކ) އަދި ނާހިލް(ވ) -- ފޮޓޯ/ އެތުލެޓިކްސް އެސޯސިއޭޝަން

އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2023ގެ އެންމެ މޮޅު އެތުލީޓުންނަށް އިބްރާހިމް ނާހިލް ނިޒާރާއި އަހުނާ ނިޒާރު ހޮވިއްޖެއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުޅުދުއްފުށީ ސިޓީގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނު ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނާހިލް އާއި ޖަލާލުއްދީން ސްކޫލުގެ އަހުނާއަކީ ގައުމީ ޓީމުގައި ވެސް ހިމެނޭ ދެ އެތުލީޓުންނެވެ. އޭގެ ތެރެއިން އަހުނާއަކީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އެތުލީޓެކެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ނާހިލް ވަނީ 100 މީޓަރާއި 200 މީޓަރުގެ ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފައެވެ. އޭނާ ވަނީ 20 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ވެސް ހޯދައިފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އަހުނާ ވަނީ 100 މީޓަރާއި 200 މީޓަރުގެ ޓްރިޕަލް ޖަމްޕުގެ ރަން މެޑަލް ހޯދައިފައެވެ. އޭނާ ވަނީ 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ވެސް ހޯދައިފައެވެ.

މުޅި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނެވެ. އަދި އަންހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލެވެ.

އެ މުބާރާތުގައި 35 ޓީމަކުން ޖުމުލަ 1124 އެތުލީޓުން ވާދަކުރިއެވެ. އެއީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ. ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތަށްފަހު، މުބާރާތް ނިންމާލީ ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކާއެކުއެވެ.

comment ކޮމެންޓް