އޮތް ހަމައެކަނި ޓްރެކް ދަނޑު އިވެންޓަކަށް، ދުވުންތެރިންގެ ދެފައި ބަނދެލައިފި

މާލޭގެ އެކުވެނި އައުޓްޑޯ ޓްރެކު މަތީގައި ސްޓޭޖު އަޅާފައި-- ފޮޓޯ: ސަން

ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމައެއް ބިނާކުރުމަކީ ކޮންމެ ސަރުކާރަކުންވެސް ވަކާލާތު ކުރަމުން އަންނަ މުހިންމު ސިޔާސަތެކެވެ. ނަމަވެސް، ކުޅިވަރާއި ފިޓްނަސްގެ އެންމެ މައިގަނޑު ވަސީލަތް ކަމަށްވާ ދުވާ ޓްރެކްތަކުގެ ހާލަތާއި، އެ ތަންތަން ބެލެހެއްޓުމުގައި ވެވޭ އިހުމާލުގެ ސަބަބުން ގައުމީ އެތުލީޓުންނާއި ދުވުންތެރިން މިއަދު ތިބީ އިންތިހާއަށް އުނދަގޫތައް ތަހައްމަލު ކުރަންޖެހިފައެވެ.

ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ ނަމުގައި ހުޅުމާލެ ސިންތެޓިކް ޓްރެކް ބަންދުކޮށްފައި އޮތުމުން، ގައުމީ އެތުލީޓުންނާއި، އެކަޑަމީތަކުގެ ކުދިންނާއި، އާންމު ދުވުންތެރިންގެ ހަމައެކަނި އުއްމީދަކަށް ވެފައި އޮތީ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހުގެ ރޭ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވަން އެކުވެނި އައުޓްޑޯގައި ވަނީ އަތްގަދަކޮށްފައެވެ.

ދުވާ ޓްރެކު މަތީގައި ސްޓޭޖު އަޅާފައިވާއިރު މިއީ ދުވުންތެރިންނަށް އިންތިހާއަށް ގެއްލުން ލިބޭނެ ކަމެކެވެ. ގަވާއިދުން އެތަނަށް ދުވަން އަންނަ މީހުން ވަނީ މި ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ. އަދި އެކަޑަމީތަކާއި ކުޅިވަރު އިވެންޓުތައް ބާއްވާ މީހުންނަށް މިކަން ވަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

އިވެންޓު ޕްލޭންކޮށްފައިވާ ގޮތަށް ބަލާއިރު ދުވާ ޓްރެކު ހިމެނޭގޮތަށް އެތަނުގެ ބޮޑުބައި ވަނީ ހިފާފައެވެ. މީގެ ކުރިން މިކަންކަން ބޮޑަށް ފެނިގެންދިޔައީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. ބޮޑެތި މިއުޒިކް ޝޯތަކާއި ހަފުލާތައް އެތަނުގައި ބޭއްވުމާ ގުޅިގެން ސިންތެޓިކް ޓްރެކް ހަލާކުވިއެވެ. އަދި ސިންތެޓިކް މަތީގައި ވެހިކަލް ދުއްވުން ފަދަ ކަންކަން ކުރިއެވެ. މިހާރު އެތަން ވަނީ އައު ސިންތެޓިކް ޓްރެކެއް އެޅުމަށް ބަންދުކޮށްފައެވެ.

މާލޭގެ އެކުވެނި އައުޓްޑޯ ޓްރެކު މަތީގައި ތަކެތި ބަހައްޓާފައި-- ފޮޓޯ: ސަން

"އަހަރެމެން ކުރާ ސްޓްރަގަލް ތަކެއް ސަރުކާރަކަށް ނޭނގެ، ރެސްޕެކްޓު ނަމުގަ އެތަނުގަ އިވެންޓެއް ބާއްވާއިރު ދުވުންތެރިންނަށް އެއްވެސް ރެސްޕެކްޓެއް ނުދީ މިހެން އިވެންޓު ބޭއްވުން ބަލައެއްނުގަނެވޭ، ހަށިހެޔޮ ރާއްޖެއަކަށް މިތަން ހެދޭނީ އަމަލުން އެކަމަށް އިސްކަންދީގެން،" ހިތްހަމަނުޖެހިފައި ހުރި ރާއްޖޭގެ މަޝްހޫރު ދުވުންތެރިއެއް "ސަން" އަށް މައުލޫމާތުދެމުން ކިޔައިދިނެވެ.

މިދުވަސްވަރަކީ "ދިރާގު ރޯޑް ރޭސް" އަށް ގިނަ ދުވުންތެރިން މަަސައްކަތްކުރާ ނުވަތަ ތަމްރީނުވާ ދުވަސްވަރެކެވެ. މިކަމުގެ ސަބަބުން އެ އެތުލީޓުންނަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ. "ސަން" އާއި ވާހަކަދެއްކި ގިނަ ދުވުންތެރިން ބުނީ މިކަން ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށާއި ޒިންމާ ނަގާނެ ބަޔަކު ނުވި ކަމަށެވެ.

ރާއްޖޭގެ ދުވުމުގެ ލެޖެންޑު ނަސީރު އިސްމާއީލް ވަނީ މިކަމާ ބެހޭގޮތުން ސޯޝަލް މީޑިއާގައި 30 މިނެޓުގެ ބޮޑު ލައިވެއް ޖައްސާފައެވެ. އޭނާގެ ލައިވްގައި ވަނީ ސަރުކާރުގެ މި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި މިއީ ކުޅިވަރަށް ލޯބިކުރާ ބަޔަކު ކުރާނެ ކަމެއްނޫން ކަމަށްވެސް ބުނެފައެވެ.

ހުޅުމާލޭގެ އެތުލެޓިކްސް ސިންތެޓިކް ޓްރެކް-- ފޮޓޯ: ކުޅިވަރު ވުޒާރާ

"ހަށިހެޔޮ ރާއްޖެ" އެއް ބިނާކުރުމުގެ މަތިވެރި ޝިއާރުތަކާއެކު ސަރުކާރުން ވެރިކަމަށް އައި ނަމަވެސް، ވާދަވެރި މުބާރާތްތަކަށް ތައްޔާރުވާ އެތުލީޓުންނާއި ޒުވާން ދުވުންތެރިން މިއަދު ތިބީ މަތިމައްޗަށް ކުރިމަތިވަމުންދާ މިފަދަ ގޮންޖެހުންތަކުގެ ސަބަބުން މާޔޫސްކަމެއްގެ ތެރޭގައެވެ. ކުޅިވަރުގެ އަސާސީ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަކީ ހަމައެކަނި ކުޅިވަރު ވުޒާރާގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކަމެކެވެ.

އެއްވެސް ޕްލޭނެއް ނެތި، އަދި އެތުލީޓުންގެ ހައްގުތަކަށް ބެލުމެއްނެތި ކުޅިވަރު ދަނޑުތައް ސިޔާސީ އަދި އެކިއެކި ބޮޑެތި އިވެންޓްތަކަށް ދޫކޮށްލާހާ ހިނދަކު، ދިވެހި ކުޅިވަރަށް ކުރިއެރުމެއް ނުލިބޭނެއެވެ.

އެހެންކަމުން، މިފަދަ އިހުމާލުތަކަށް ވަގުތުން ނިމުމެއް ގެނެސް، ދިވެހި އެތުލީޓުންނަށް ހައްގުވާ މާހައުލާއި ރައްކާތެރި ޓްރެކެއް އަވަހަށް ކަށަވަރުކޮށްދިނުމަކީ މިއަދު ފަސްކުރެވެން ނެތް ގައުމީ ވާޖިބެކެވެ.

comment ކޮމެންޓް