''ޑީބަންކަތޯން''ގެ ނަމުގައި މުޅިން އާ ހެކަތޯނެއް އިއުލާނުކޮއްފި

"ޑީބަންކަތޯން"ގެ ނަމުގައި 24 ގަޑިއިރުގެ ހެކަތޯނެއް ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް އާ ގުޅިގެން ވިމެން އިން ޓެކްއިން އިއުލާނުކޮށްފިއެވެ.

މި ހެކަތޯން ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27 އަދި 28 ވަނަ ދުވަހު ހުޅުމާލޭ ވޯޓާސް އެޖްގައެވެ.

ވިމެން އިން ޓެކްއިން ބުނީ މި ހެކަތޯންގެ މަގްސަދަކީ މީޑިއާ ލިޓްރެސީއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ދޮގު މައުލޫމާތު ފެތުރުމަށް ހައްލެއް ހޯދުންކަމަށެވެ.

މި ހެކަތޯންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ތިނެއް ނުވަތަ ފަސް މެންބަރުންގެ ޓީމްއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވައިލައިފައެވެ.

ރަޖިސްޓްރީވާ ޓީމުތަކުގެ ތެރެއިން ފަސް ޓީމެއް މި ހެކަތޯންގައި ވާދަކުރުމަށް ހޯވާލެވޭނެއެވެ. މި މުބާރާތުން މޮޅުވާ ޓީމަށް ތައްޔާރުކުރާ ޕްރޮޓޯޓައިޕް ނިންމުމަށް 8،000 ޑޮލަރުގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހެކަތޯންގެ މައުލޫމާތު ހިއްސާކުރުމަށް، ދެ ގަޑިއިރުގެ އިންޓަރެކްޓިވް ޕްރީ ހެކަތޯން ވޯކްޝޮޕެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މި ޕްރީހެކަތޯންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮންލައިން ފޯމެއް ފުރިހަމަ ކުރުމުން ބައިވެރިވެވޭނެއެވެ.

ޑީބަންކަތޯންގައި އިންޓަރެކްޓިވް ސެޝަންތަކާއި ނެޓްވޯކިން އިވެންޓްތަކުގެ އިތުރުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަންތައް ކުރިއަށް ގެންދާނެއެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ކަމާގުޅޭ ދާއިރާތަކުން ތަޖުރިބާކާރުންގެ ލަފަޔާއި އެހީތެރިކަން ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

ހެކަތޯންގައި ބައިވެރިވުމަށް ވެސް ލިންކަކުން ރަޖިސްޓްރީ ކުރެވޭނެއެވެ.

ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ ހޯމަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް