މަޖިލިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ގޮތެއް ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ---

އަންނަ އަހަރު މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމައިފިއެވެ.

މަޖިލީހުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ދިރާސާކުރަން ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި، ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންގެ މުސާރައަށް ކުރިއެރުމެއް ނުލިބޭތާ 11 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

އެހެންވެ، އަންނަ އަހަރު މަޖިލީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން އޭނާ ވަނީ ހުޅައަޅާފައެވެ.

އެކަމަށް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ ތާއީދު ލިބުމުން، މަޖިލީހުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިނގާނެ ހަރަދު ބަލައި، އެކަމުގެ ރިޕޯޓެއް ކޮމިޓީއަށް ހުށަހެޅުމަށް މެންބަރުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

އިލްޔާސްގެ ހުުށައެޅުމަށް ތާއިދު ކުރައްވައި، ލ. ފޮނަދު ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންނަކީ ވަރަށް ހީވާގިކަމާ އެކު މަސައްކަތް ކުރައްވާ ބަޔަކަށްވީއިރު މުސާރަ ރަނގަޅުކޮށްގެން ނޫނީ މުވައްޒަފުން ނުތިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން އަންނަ އަހަރަށް ލަފާކޮށް އާންމު ކޮމިޓީއަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 186 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހުގެ އާންމު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި މެންބަރުން ބައިވެރިވެ ވަޑައިގަންނަވަނީ _ ފޮޓޯ/ މަޖިލީހުގެ އިދާރާ

އަދި, ނިއު ޕޮލިސީ އިނިޝިއޭޓްގެ ގޮތުގައި ހަރަދުކުރުމަށް 4.2 މިލިއަން ރުފިޔާ ހިމެނޭނެ ކަމަށް މަޖިލީހުގެ އިދާރާގެ ފަރާތުން ބަޖެޓު ހުށަހެޅުއްވި ހެޑް އޮފް އެޑްމިނިސްޓްރޭޝަންސް އަހުމަދު ފާއިޒް ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން ލަސްވުމާ ގުޅިގެން ބަޖެޓު އެކުލަވާލަން ޖެހޭ މުއްދަތު ފަހަނައަޅަމުންދާތީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެކަމަކު, އާންމު ކޮމިޓީން ނިންމައި މާލިއްޔަތު ކޮމިޓީން ވެސް ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލެއް ގެނައުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވިއެވެ.

މަޖިލީހުން މި އަހަރަށް ގާތްގަނޑަކަށް 182 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ، 20 ވަނަ މަޖިލީހަށް އިތުރުވާނެ މެންބަރުންގެ ހަތް މަހެއްހާ ދުވަހުގެ މުސާރައަށް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް