ޣައްޒާއިން ސާފު ބޯފެން ހުސްވެ، ލޮނުފެން ބޯން ޖެހިއްޖެ

ގާތްގަޑަކަށް ހުރިހާ ތަނަކުން ހެން ސާފު ބޯފެން ހުސްވެ، ޣައްޒާގެ އާންމުން ހަޑި ފެނާއި ކަނޑުގެ ލޮނުފެން ބޯން ފަށާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފިއެވެ.

އދ ގެ ފަލަސްތީން ރެފިއުޖީ އޭޖެންސީއާ ހަވާލާދީ ދަ އިންޑިޕެންޑެންޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ އާންމުންނަށް ބޭނުންވާ ސާފު ބޯފެން ގާތްގަޑަކަށްހެން ހުސްވެފައިވާވާއިރު، ހޮސްޕިޓަލްތަކުގައި ޖެނެރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެލުގެ މިންވަރު ހުރީ ގާތްގަޑަކަށް 24 ގަޑިއިރަށް ފުދޭ ވަރަށެވެ. އަދި, ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރާނެ އެހެނިހެން ތަކެތި ވެސް ހުސްވާން ކައިރިވެފައިވާ ކަމަށް އެ އޭޖެންސީން ބުނެއެވެ.

ޣައްޒާއަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އެދި މިސްރު ހިމެނޭ ގޮތަށް އދ އާއި އެހެނިހެން ހައްގުތަކާއި ބެހޭ ޖަމިއްޔާތަކުން ވެސް މީގެ ކުރިން ވަނީ އިސްރާއީލަށް އާދޭސް ކޮށްފައެވެ. ޣައްޒާގައި ހުރި ކަރަންޓު ދޫކުރާ ހަމައެކަނި އިންޖީނުގެ ވެސް މީގެ ފަސް ދުވަސް ކުރިން އިސްރާއީލުން ވަނީ ބަންދުކޮށްފައެވެ.

އެހީ ހިފައިގެން ދިޔަ މިސްރުގެ ގާފިލާއެއް މިހާރު ވެސް އޮތީ ރަފާ ބޯޑަރުގައި ތާށިވެފައެވެ. މި ކަމުގައި އިސްރާއީލުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މިސްރުން ވަނީ ވާހަކަ ދައްކާފައެވެ.

"އާންމުންގެ ފުރާނަ ސަލާމަތް ކުރެވޭނެ އަސާސީ ހިދުމަތްތަކާއި ތަކެތި ލަސްނުކޮށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް." އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޭޖެންސީ އޯސީއެޗްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ދަ އިންޑިޕެންޑެންޓުން ވަނީ ރިޕޯޓުކޮށްފައެވެ. އެ އޭޖެންސީގެ ވެރިޔާ މާޓިން ގްރިފްތްސް އަންގާރަ ދުވަހު މިސްރުގެ ވެރި ރަށް ގާހިރާއަށް ދަތުރުފުޅެއް ކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ.

ޔަހޫދީ އިސްރާއީލްގެ އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 3,000 އާ ގާތްކުރާ އަދަކަށް އާންމުން ޝަހީދުކޮށްލާފައިވާއިރު، 10،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. މީގެ ތެރޭގައި 1،000 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޑިފެންސް ފޯ ޗިލްޑްރަން ފަލަސްތީނާ ހަވާލާދީ އިންޑިޕެންޑެންޓުން ރިޕޯޓުކުރެއެވެ. އަދި، މިއީ ގާތްގަޑަކަށް ކޮންމެ 15 މިނެޓަކުން ކުއްޖަކު މަރާލުން ކަމުގައި ވެސް އެ ގްރޫޕުން ބުނެއެވެ.

ވޭތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި ޣައްޒާއިން މަރުވި އާންމުގެ އަދަދު ގިނަވުމުގެ ސަބަބުން ގަބުރުތައް ލާނެ ކޮތަޅު ވެސް ހުސްވާން ކައިރިވެފައިވާ ކަމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޭޖެންސީން ހާމަކުރެއެވެ.

އިޒްރޭލުން ސުންނާފަތި ކޮށްލާފައިވާ ފަލަސްތީނުގެ ބިންތައް -- ފޮޓޯ/ ގެޓީ އިމޭޖްސް

ޣައްޒާގެ އާންމު ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިސްރާއީލުން އަންގާފައިވާއިރު، މިހާރު ވެސް ގިނަ ބަޔަކު ވަނީ ޣައްޒާ ދޫކޮށް އެހެން ހިސާބުތަކަށް ގޮސްފައެވެ.

ނަމަވެސް އދ އާއި ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވެސް ފާހަގަކޮށްފައިވާ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެހެން ސަރަހައްދުތަކަށް ފޮނުވައިލުމަކީ އުނދަގޫ ކަމެކެވެ. ޣައްޒާގެ ހޮސްޕިޓަލްތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ ބަޔަކަށް އިމަޖެންސީ ފަރުވާދެމުންދާއިރު، މީހުން ހުސްކުރުމަކީ ނާދިރު ކަމެކެވެ.

ރަފާގެ ދެކުނުގައި ހުންނަ ކުވައިތު ހޮސްޕިޓަލްގެ އިސް ޑޮކްޓަރު ޝުއައިބް އަލް ހަމްސް ދަ އިންޑިޕެންޑެޓަށް ބުނި ގޮތުގައި ހޮސްޕިޓަލް ހުސްކުރުމަށް އިސްރާއީލުން އަންގާފައިވާ އެންގުމަށް ތަބާ ނުވުމަށް އޭނާގެ މުވައްޒަފުންނަށް ވާނީ އަންގާފައެވެ. އެއީ، އެ ތަނުން ނިކުމެގެން ބަލި މީހުން ގޮވައިގެން ދާނެ ތަނެއް ނޭނގޭތީ ކަމަށް ވެސް ޝުއައިބު ބުންޏެވެ.

ޖުމްލަ 22 ހޮސްޕިޓަލެއް ހުސްކުރުމަށް އިސްރާއީލުން މިހާރު ވެސް އަންގާފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ހަވާލާދީ ދަ އިންޑިޕެންޑެންޓުން ރިޕޯޓުކުރެއެވެ.

އެހީ ހިފައިގެން ރަފާ ބޯޑަރު ކައިރީގައި އޮތް ގާފިލާއަށް ޣައްޒާގެ ތެރެއަށް ވަދެވޭނެ އިރެއް ނޭނގެއެވެ. ބޯޑަރު ހުޅުވާލުމާ މެދު ކުރެވޭ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް އދ އާއި ހަވާލާދީ ބީބީސީން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް