ތިލަފުށިން 100 އަށްވުރެ ގިނަ ބަނގުރާ ފުޅިއާ އެކު މީހަކު ހައްޔަރަށް

ތިލަފުށިން ފެނުނު ބަނގުރަލާއި ބަނގުރާ ކަމަށް ލަފާ ކުރެވޭ ފުޅިތައް--

ބަނގުރަލާއި ބަނގުރާ ކަމަށް ބެލެވޭ 100 އަށްވުރެ ގިނަ ފުޅިއާ އެކު ތިލަފުށިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ، ބިދޭސީން ތިލަފުށީގައި ބަނގުރާ ގެންގުޅެ، ވިއްކާ ކަމަށް ތިލަފުށީ ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގައިފައި ވަނީ އިއްޔެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރު ކުރުމަށް ފަހު، އޭނާ ގެންގުޅުނު ފޮށިގަނޑުތައް ބަލާ ފާސްކުރިއިރު ތިން ފުޅި ބަނގުރަލާއި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 107 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބަނގުރާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފުޅިއާ އެކު ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، ރާއްޖޭގައި ބަނގުރާ ކެއްކުމުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަނިކޮށް ދޭތެރެއަކުން ހައްޔަރު ކުރެއެވެ.

comment ކޮމެންޓް