އިންތިޚާބު ތެރޭ ސިފައިންގެ ޖެނެރަލުން ދެއްކެވި ވާހަކަތަކަށް ޖަވާބުދާރީވާންޖެހޭ: އާދަމް ޝަރީފް

މެއި 22، 2019: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރާ ދެމެދު ދިޔަ މުއްދަތުގައި ރާއްޖޭގައި އެހެން ގައުމެއްގެ އަސްކަރީ ސިފައިން ނެތްކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ދިވެހި އަސްކަރިއްޔާގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ޓްރާންސިޝަން މުއްދަތުގައި ޖަވާބުދާރީވުމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިލައްވައިފިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ އަސްކަރިއްޔާގައި ތިއްބެވި އެންމެ އިސް ބޭފުޅުން މީޑިއާތަކަށް އަރައި ރައްޔިތުން ކުރިމަތީގައި ދެއްކެވީ އެ ބޭފުޅުން ދައްކަވަން ނުޖެހޭ ވާހަކަތަކެއްކަމަށެވެ.

އެއީ ނުފޫޒުގެ ބޭނުންކޮށްގެން ކުރުވި ކަމެއް ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ވެސް އެ ވާހަކަތައް ގަބޫލުނުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ސަބަބަކީ މިލިޓަރީ ބޭފުޅުންތަކެއް ސިފައިން، ރާއްޖޭގެ އިންތިޚާބުގެ މެދުތެރޭގައި އަރައިވަޑައިގެން އެ ދެއްކެވި ވާހަކަފުޅުތަކަކީ އެއްގޮތަކަށް ވެސް އަސްކަރިއްޔާގައި ތިއްބެވި ބޭފުޅުން ކުރައްވައިގެންވާނެ ކަމެއް ނޫން،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބޭފުޅުން އަމިއްލައަށް އެ ކަން ކުރެއްވި ސަބަބު އިންތިގާލީ މުއްދަތުގައި ހާމަކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާވަނީ، އިންތިގާލީ މަރުހަލާގައި މުއައްސަސާތަކަށް އިންތިޚާބީ ކޮމިޓީތަކުން ދިއުމުން ފުރިހަމައަށް ހާލަތު އޮތް ގޮތް ކިޔައިދިނުމަކީ އެދޭ ގޮތް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހެދުނު ގޯސްތައް ވެސް ބުނެދޭން އެދޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކޮންމެހެން އަޅުގަނޑުމެން އެ ބޭފުޅުންނަށް ފާޑުކިޔާކަށް ނުވަތަ އެ ބޭފުޅުންނާ ދޭތެރޭގައި ކަތި ނަޒަރަކުން ބަލާކަށް ނޫން. އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް މި ސަރުކާރު ހިނގަމުން ދިޔައިރު ހެދުނު ގޯސްތަކެއް އެބަހުރި ކަން،" އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަލަށް ސަރުކާރާ ހަވާލުވަނީ މި ނިމޭ ސަރުކާރުން ކޮށްފައި ހުރި ހުރިހާ ކަމެއް ގޯސްކަމަށް ބުނަމުން ނޫން ކަމަށެވެ. އަދި ދެން ސަރުކާރާ ހަވާލުވެ އައު ސަރުކާރުން ހުރިހާ ކަމެއް އެންމެ ފުރިހަަމައަށް ކުރާނެއޭ ބުނަމުން ވެސް ނޫންކަމަށެވެ.

މަސައްކަތް ކުރަނީ އެއް ސަރުކާރަށްވުރެ އަނެއް ސަރުކާރެއް ރަނގަޅުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެއް ސަރުކާރަށް ވުރެ އަނެއް ސަރުކާރު ރަނގަޅުކުރުމަށް. އެއީ ރައްޔިތުންގެ އުންމީދަކީ ވެސް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ޚުދު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ އެއިރު ފުރަތަމަ ބުރުގެ ނާކާމިޔާބީގެ އެއް ސަބަބަކީ އިންޑިއާގެ އަސްކަރީ ނުފޫޒާއި ރާއްޖޭގެ މިނިވަންކަމާ ގުޅުވައި ދެއްކި ވާހަކަތަކުގެ ހަގީގަތް ހާމަކޮށް ނުދެވުންކަމަށް ވިދާޅުވެފައެވެ.

އެހެންވެ ދެވަނަ ބުރުގެ ވޯޓުގެ ކުރިން އެ ކަންކަން ރައްޔިތުންނަށް ތިލަކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު އެމްއެންޑީއެފްގެ އެންމެ އިސް ޖެނެރަލުން ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ސިޔާދަތާއި ބާރާއި މިނިވަންކަމަށް ނުރައްކަލެއް ނެތްކަމަށް ބުނެ ވާހަކަ ދައްކައިފައެވެ.

comment ކޮމެންޓް