ކަނޑުހުޅުދޫ ދޯންޏަކުން ޣައްޒާއަށް އެހީވުމަށް 50،000 ރުފިޔާ ހަދިޔާކުރަނީ

ގއ. ކަނޑުހުޅުދޫ، ސީހޯސް ތިނެއް މަސް ދޯނިން ވަނީ ޣައްޒާއަށް އެހީވުމަށް 50،000 ރުފިޔާ ހަދިޔާ ކުރަން ނިންމާފަ -- ފޮޓޯ/ ރަޝީދު އަބްދުﷲ

ގއ. ކަނޑުހުޅުދޫ ދޯންޏަކުން ޣައްޒާއަށް އެހީވުމަށް 50،000 ރުފިިޔާ ހަދިޔާކުރަން ނިންމައިފިއެވެ.

އިޒްރޭލުނަށް ފަލަސްތީނަށް މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީފޯރުކޮށްދިނުމުގެ ގޮތުން ފައިސާ ހަދިޔާ ކުރަން ނިންމާފައި ވަނީ ކަނޑުހުޅުދޫ، ސީހޯސް ތިނެއް މަސް ދޯނިންނެވެ.

އެ ދޯނީގެ ކެޔޮޅު، ރަޝީދު އަބްދުﷲ 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، އެ ފައިސާއަކީ މިދިޔަ ހަފުތާ ތެރޭގައި އެ ދޯނިން ބޭނި ދެ ޓަނު މަހަށްވާ ފައިސާ ކަމަށެވެ.

މީގެއިތުރުން، އެ ފައިސާއަކީ އެ ދޯނީގެ 30 ފަޅުވެރިންނާއި އޮޑިވެރިންގެ ފާރާތުން ހަދިޔާކުރާ ފައިސާކަމަށް ވެސް އޭނާ ބުންޏެވެ.

ގއ. ކަނޑުހުޅުދޫ، ސީހޯސް ތިނެއް މަސް ދޯނިން ވަނީ ޣައްޒާއަށް އެހީވުމަށް 50،000 ރުފިޔާ ހަދިޔާ ކުރަން ނިންމާފަ -- ފޮޓޯ/ ރަޝީދު އަބްދުﷲ

އެ ފައިސާ ހަދިޔާކުރަން ނިންމާފައި ވަނީ އެ ރަށުގެ ޒުވާނުން އިސްނަގައިގެން ހުޅުވާފައިވާ ފަންޑަކަށެވެ. އަދި އެ ފަންޑަށް ލިބޭ ފައިސާ ހަވާލުކުރަން ހަމަޖެހިފައި ވަނީ، ޣައްޒާއަށް އެހީވުމުގެ ހަރަކާތްތައް ހިންގާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ކަމަށް، އެ ފަންޑު ހުޅުވާފައިވާ ފަރާތްތަކުން ވަނީ "ސަން"އަށް މައުލޫމާތު ދީފައެވެ.

ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ވެސް އަންނަނީ ވަރަށް ބައިވަރު ހަރަކާތްތަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އައިއޭސީގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓްއިން ވެސް ފަންޑު ފޮށި ހުޅުވާފައެވެ.

މީގެ އިތުރުން ގއ. ވިލިނގިލީ މަސް ދޯންޏަކުން ބޭނި އެއް ޓަނުގެ މަހަށް ވާ ފައިސާ ހަދިޔާ ކުރަން ނިންމާފައިވާކަން އެ ދޯނީގެ ފަޅުވެރިން ހާމަކޮށްފައިވެއެވެ.

https://sun.mv/183163

އައިއޭސީއާ ގުޅިގެން ފަލަސްތީނަށް އެހީވުމަށް ދިވެހި މީޑިއާތަކުން ވަނީ ޚާއްސަ ޓެލެތޯނެއް ބޭއްވުމަށް ވެސް އިންތިޒާމްކޮށްފައެވެ.

comment ކޮމެންޓް