ބޮޑުތަކުރުފާނު މަގުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީ ހިނގި އެކްސިޑެންޓު-- ސަން ފޮޓޯ

ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީ މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިލާ ކޮލެޖު ކައިރީ ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 20:08ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވުމުގެ ސަބަބުން އެ ދެ މީހުންނަށް އައިޖީއެމްއެޗްގައާއި އޭޑީކޭގައި ފަރުވާ ދެމުން ދާ ކަމަށެވެ.

އަދި އެކްސިޑެންޓާ ގުޅިގެން މިވަގުތު ބަލަން ހުރި ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީ ހިނގި އެކްސިޑެންޓު-- ސަން ފޮޓޯ

އެ ސަރަޙައްދުގައި ހުރި މީހަކު 'ސަން'އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓުވި ގަޑީގައި، އެއް ސައިކަލު ދުއްވަން އިން މީހާ ވަނީ ދުރަށް ވިއްސައިގެން ގޮސްފައެވެ.

އެ މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު މަންޒަރު ދުށް މީހަކު ބުނީ އެންމެ ބޮޑަށް އަނިޔާވި ކަމަށް ބެލެވެނީ އަތާއި ފަޔަށް ކަމަށެވެ. އަދި އެ މީހާ ވެއްޓިފައި އޮތް ސަރަހައްދުގައި ފައި ކައިރީ ލޭ ވެސް ފެންނަން ހުއްޓެވެ.

ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީ ހިނގި އެކްސިޑެންޓު-- ސަން ފޮޓޯ

އެކްސިޑެންޓުވި އަނެއް ސައިކަލު އޮތީ މަގުގެ މެދުގައެވެ.

އެ ސަރަޙައްދަށް އެކްސިޑެންޓު ހިނގި ވަގުތު ގިނަ އަދަދެއްގެ އާންމުން ވެސް އެއްވިއެވެ. އަދި ފުލުހުން ވަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވެފަވެ.

comment ކޮމެންޓް