ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމް ގާއިމް ކުރަނީ

ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކެޑަމީއާ އެކު ސްމާޓް ކްލާސްރޫމްތަކެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރުން -- ފޮޓޯ/ ވިލާ ކޮލެޖް

ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ މާހައުލެއް ގާއިމް ކުރުމުގެ ގޮތުން ވިލާ ކޮލެޖުން ވާވޭ އައިސީޓީ އެކެޑަމީއާއެކު ސްމާޓް ކްލާސްރޫމްތަކެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ފަރާތުން ރެކްޓާ ޑރ. އަހުމަދު އަންވަރެވެ. އަދި ވާވޭ އައިސީޓީ އެކަޑެމީގެ ފަރާތުން ވާވޭ މޯލްޑިވްސްގެ ހެޑް ޗެން ކެޔަންގްއެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރު ނިޒްނާ އަލީ ދީދީ ވިދާޅުވީ ވިލާ ކޮލެޖުން އަބަދުވެސް އިސްކަން ދެނީ ތައުލީމް ފޯރުކޮށްދިނުމުގައި ޒަމާނީ އާ ގޮތްތައް ހޯދުމަށް ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ވާވޭ އެކެޑަމީއާ ގުޅިގެން ޒަމާނީ އާ އީޖާދުތައް ވިލާ ކޮލެޖުގައި ގާއިމްކުރުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖަށް އައިސީޓީ ދާއިރާއިން ބޭނުންވާ އެހީތެރިކަން ވާވޭ އައިސީޓީ އެކެޑަމީގެ ފަރާތުން ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

އެގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމްތަކެއް ގާއިމުކުރާނެ ކަމަށާއި، މި ސްމާޓް ކްލާސްރޫމްތަކާއެކު ތައުލީމް ފޯރުކޮށްދިނުމާއި އުނގެނުމަށް ޒަމާނީ އަދި ކުރިއަރާފައިވާ މާހައުލެއް ގާއިމް ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ވިލާ ކޮލެޖުގައި ސްމާޓް ކްލާސްރޫމް ގާއިމްކުރުމުގެ ސަބަބުން ވިލާ ކޮލެޖުގެ ދަރިވަރުން ކިޔެވުމަށް އިތުރަށް ޝައުގުވެރިވެ ކުދިންގެ ކިޔެވުމުގެ ފެންވަރަށް ވެސް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމަށާއި، ކޮލެޖުގައި ކިޔަވައިދޭ މުދައްރިސުންނަށް ކިޔަވައިދިނުމަށް އިތުރު ވަސީލަތްތައް ލިބުމަށް މަގުފަހިވެ ވަގުތާއި ހަރަދު ވެސް ސަލާމަތް ވާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕެނަލް ޑިސްކަޝަންއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލް ޑިސްކަޝަންގައި ވާވޭ ޓެކްނޮލޮޖީސް ސްރީލަންކާގެ އެޓްރެޓެޖިކް އެޑްވައިޒަރު އަދި ވައިސް ޕްރެޒިޑެންޓް އިންދިކާ ޑި ސޮއިޒާ، އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ވަހީދު، ލެކްޗަރަ ހުސެއިން ނައުޝާދު އަދި ވިމެން އިން ޓެކް މޯލްޑިވްސްގެ އެސޯސިއޭޓް މެމްބަރު އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޮމްޕެނީ ލިމިޓެޑްގެ ލީޑް ޑާޓާ ސްޕެޝަލިސްޓް މިހްނާ ޒާހިރު ބައިވެރިވެލެއްވިއެވެ.

comment ކޮމެންޓް