ދިވެހި ރެޑް ކްރެސެންޓުން ފަލަސްތީނަށް އެހީވުމަށް ފަންޑެއް ހުޅުވައިފި

ދިވެހި ރެޑްކްރެސެންޓުގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އެމްއާރުސީ

ފަލަސްތީނުގެ ޢައްޒާގައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކުގައި ފަލަސްތީނުގެ ރެޑް ކްރެސެންޓް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީ ހޯދުމަށްޓަކައި ދިވެހި ރެޑް ކްރެސެޓުން އެމަޖެންސީ ފަންޑެއް ހުޅުވާލައިފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޢައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދިމާވެފައިވާ އިންސާނީ ކާރިސާގައި ފަލަސްތީނުގެ ރެޑް ކްރެސެޓުން ވަނީ ބައިނަލްއަގްވަމީ ފާރާތްތަކާއި ރެޑް ކުރޮސް، ރެޑް ކްރެސެންޑުގެ ހަރަކާތުގެ އެންމެހާ ފަރާތްތަކުގެ އެހީއަށް އެދިފައެވެ.

މި މަހުގެ 10 އާއި ހަމައަށް މި ހަނގުރާމައިގައި ޖުމުލަ 687 މީހުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެޓުން މައުލޫމާތު ދެއެވެ. މީގެއިތުރުން، 3276 އާމުންނަށް އެކި ކަހަލަ އަނިޔާލިބިފައިވާ ކަމަށް ފަލަސްތީނުގެ އެ ޖަމިއްޔާއިން ބުންޏެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޢައްޒާގެ ހާލަތު ގޯސްވާނެކަމަށް އެ ޖަމިއްޔާއިން ލަފާ ކުރެއެވެ.

މި ފަންޑުން ލިބޭ ފައިސާއިން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސާފު ބޯފެނާއި ކާތަކެތީގެ އިތުރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީ ވެދޭނެކަމަށް އެ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނުގައިވެއެވެ. މީގެއިތުރުން، ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

ދިވެހި ރެޑް ކްރެސެޓުން މިއަދު ހުޅުވާލި މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށެވެ.

އެ ގޮތުން ފަލަސްތީނަށް އެހީވުމަށް ފައިސާ ޖަމާކުރަށް ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ.

ބީއެމްއެލްއިން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓުތަކަށެވެ.

7701176022001 (MVR)

7701176022002 (USD)

އަދި އެމްއައިބީން ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ މި އެކައުންޓު ތަކަށެވެ.

99010155500036100 MVR

99010155500036200 USD

އެ ޖަމިއްޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކި އެކި ފާރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް