ވެރިކަން ބަދަލުވުމުގެ ކުރިން ސީޕީ ހަމީދު ރިޓަޔާ ކުރައްވަނީ

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

ހަމީދު މިއަދު ފުލުހުންގެ އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރިޓަޔާ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

އެ މެސެޖް ލިބިފައިވާކަން ފުލުހުންގެ އިސްވެރިއަކު ވަނީ "ސަން" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

މިކަމާ ގުޅިގެން ހަމީދުގެ ބަހެއް ހޯދާލުމަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

އިންޓެލިޖެންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ހަމީދު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިފަހުން ސިއްރު މައުލޫމާތުތަކެއް ލީކް ކޮށްލި ކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ ކޮއްކޮއާ ކައިވެނި ބައްލަވައިގެން އުޅުއްވާ ހަމީދަށް އަލުން ވަޒީފާ ދިނުމަށް ކޯޓުން އެންގެނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމާއެކުއެވެ.

ހަމީދު ރަސްމީކޮށް ޕޮލިސް ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތީ 26 މާޗް 2019 ވަނަ އަހަރުއެވެ. އިސްވެރިއަކަށް ހުންނަވައި ހަމީދު ވަނީ ފުލުހުންގެ ތަރައްގީއަށާއި ކުށް މަދުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

comment ކޮމެންޓް