ސްޕެއިންއިން ސްކޮޓްލަންޑް ބަލިކޮށްފި

ސްޕެއިންގެ ކާމިޔާބީއާއެކު މިހާރު މިވަނީ ފަސް މެޗުން 12 ޕޮއިންޓް ހޯދާފަ -- ފޮޓޯ/ އޭއެފްޕީ

މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށްޓަކައި ގްރޫޕް އޭ ގައި ސްޕެއިން އާއި ސްކޮޓްލަންޑް ބައްދަލުކުރި މެޗް ސްޕެއިން ކާމިޔާބުކޮށްފިއެވެ.

ސްޕެއިންގެ ސެވިއްޔާގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ ދެ ލަނޑު ސުން ލަނޑުންނެވެ. މިމެޗަށް ނުކުތް އިރު ގްރޫޕްގެ އެއްވަނައިގައި 15 ޕޮއިންޓާއެކު އޮތް ސްކޮޓްލަންޑަށް މިމެޗް އެއްވަރު ކޮށްލައިގެންވެސް މިއަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ރޭގެ މިނަތީޖާ އާއެކު އެޓީމަށް މިވަނީ އިތުރަށް މަޑުކުރަން ޖެހިފައެވެ.

ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިން އިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިހާފުގައި އެންމެ ބޮޑަށް ފާހަގަ ވެގެންދިޔައީ ސްކޮޓްލަންޑްގެ ކެޕްޓަން އެންޑީ ރޮބާޓްސަންއަށް އަނިޔާވެގެން ބާލަން ޖެހުމެވެ.

މިމެޗްގެ ދެވަނަ ހާފުގެ މެދުތެރޭގައި ސްކޮޓްލަންޑްއަށް ލިބުނު ހިލޭ ޖެހުމަކުން ސްކޮޓް މެކްޓިމޮނީ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީ.އޭ.އާރުން ބެލުމަށްފަހު ސްކޮޓްލަންޑްގެ ޖެކް ހެންޑްރީ އޮފް ސައިޑްގައި ހުރެ ކުޅުމަށް ހުރަސް އެޅިކަމަށް ބަލާ އެލަނޑު ވަނީ ބަލައިނުގެންފައެވެ. މިމެޗްގައި ސްޕެެއިން އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަލްވާރޯ މޮރާޓާއެވެ.

މިމެޗްގައި ސްޕެއިންއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ސްކޮޓްލަންޑްގެ ރަޔަން ޕޯޓިއަސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ކާމިޔާބީއާއެކު ސްޕެއިން އިން މިހާރު މިވަނީ ފަސް މެޗުން 12 ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނައިގައި އުޅޭ ސްކޮޓްލަންޑާއި ތިން ޕޮއިންޓަށް ގާތް ކޮށްފައެވެ. ފަނަރަ ޕޮއިންޓާއެކު އެއްވަނައިގައި ސްކޮޓްލަންޑް އުޅޭއިރު މިއަންނަ އާދިއްތަ ދުވަހު ނޯވޭ އާއި ސްޕެއިން ބައްދަލުކުރާ މެޗުގައި ނޯވޭއަށް ސްޕެއިން ބަލި ނުކުރެވިއްޖެނަމަ މިއަންނަ އަހަރުގެ ޔޫރޯ މުބާރާތުން ސްކޮޓްލަންޑަށް ޖާގަ ލިބިގެންދާނެއެވެ.

comment ކޮމެންޓް