ކާމިޔާބު މީހަކަށް ވާނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުން: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އެމްއެންޔޫ

ކިޔެވުމަށް އަދި ތައުލީމު ހާސިލު ކުރުމަށް ތަފާތު ދަރިވަރުން ކުރަން ޖެހޭ ދަތުރުތައް ތަފާތުވާނެ ކަމަށާއި ކާމިޔާބު މީހަކަށް މީހާ ވާނީ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުން ކަމަށް، އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެއެވެ.

މުއުތަސިމް މިހެން ވިދާޅުވީ މިއަދު އޮތް، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމު ހޯދަން ކުރަން ޖެހޭ ދަތުރު ތަފާތުވާ ބީދައިން އުޅެން ޖެހޭ ގޮތާއި، ދިރިއުޅުމުގެ ހާލަތުވެސް ތަފާތުވާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ގޮން ޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ.

"އަދި ކޮންމެ މީހަކީ ވެސް ދިރިއުޅުމުގަ ގޮންޖެހުންތަކަކާ ކުރިމަތިލާނެ މީހެއް. މި ގޮން ޖެހުން ތަކާ ކުރިމަތިލާ މި ގޮންޖެހުން ތަކުން އަރައިގަންނާނެ ގޮތް ދެނެ ގަނެ އަރައިގަންނަނެ ގޮތް ޕްލޭން ކޮށް އަރައިގަންނަން ޖެހޭނެ. އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ކޮންމެ މީހަކަށް މާތް ރަސްކަލާންގެ ތައުފީގު ދެއްވާނެ ކަން ޔަގީން. އެކަލާންގެ ވޮޑިގެން ވަނީ ކެތްތެރިންނާ އިހުސާންތެރިންނާ އެކުގަ." އެމަނިކުފާނު ވިދާޅުވިއެވެ.

އެމްއެންޔޫ އިން މިއަދު ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު--

މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މުއުތަސިމް ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން ތައުލީމީ ހަޔާތް ނިންމެވުމަށްފަހު ގައުމަށް ޚިދުމަތް ކުރައްވަން ބޭނުންވި ކަން ވެސް އެމަނިކުފާން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އީމާންތެރިކަމާއި ރިވެތި އަޚްލާގުގެ މަތީގައި މަސައްކަތް ކުރުމުން ކޮންމެ މީހަކަށްވެސް ކާމިޔާބީއާ ހަމައަށް ވާސިލުވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވަނީ މިއަދު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ދަސްވެނިވީ އެންމެހާ ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ. އަދި އަމިއްލަ ތަޖުރިބާގެ ވާހަކަތަކާއި އިތުރު ވާހަކަތައް ހިއްސާކޮށް އެމަނިކުފާން ވަނީ، ދިރިއުޅުމުގައި ކާމިޔާބު ކަމާއެކު ކުރިއަރައިގެން ދާ ބަޔަކަށް ވުމަށް އެ ކުދިންނަށް ހިތްވަރު ދެއްވާފައެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި އެމްއެންޔޫގެ މި ދަސްވެނިވުމުގައި އެ ޔުނިވާސިޓީގެ އެކި ފެކަލްޓީތަކުން މުޅި ޖުމްލަ 700 ދަރިވަރުން ދަސްވެނިވެފައިވާއިރު 314 ދަރިވަރުން ވަނީ މި ޖަލްސާގައި ބައިވެރިވެފައެވެ.

މި އަހަރުގެ މޭ މަހުގައި ވެސް އެމްއެންޔޫއިން ވަނީ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ދަސްވެނިވެފައެވެ. އެ ދަސްވެނިވުމުގައިވެސް 400 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަން އެމްއެންޔޫއިން ފާހަގަ ކުރައްވައިފައިވެއެވެ.

comment ކޮމެންޓް