ދިވެހި ރެޑް ކްރެސެންޓުން ''ހުޝިޔާރު'' ކެމްޕޭން ފަށައިފި

ދިވެހި ރެޑްކްރެސެންޓްގެ ހަރަކާތެއްގެ ތެރެއިން --- ފޮޓޯ/ އެމްއާރްސީ

މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރު މުޖުތަމައެއް ބިނާކުރުމަށް ޓަކައި، މޯލްޑިވިއަން ރެޑް ކްރެސެންޓުން ''ހުޝިޔާރު''ގެ ނަމުގައި ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފިއެވެ.

ރެޑް ކްރެސެންޓުން މި ކެމްޕޭން އިއުލާންކޮށް ނެރުނު ބަޔާނެއްގައިވާ ގޮތުން މި ކެމްޕޭނުގެ މައިގަނޑު ތިން މަޤްޞަދެއް ވެއެވެ. އެއީ:

1. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދިމާވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމުކަން އަންގައިދިނުން.

2. މޫސުމާ ގުޅުންހުރި ނުރައްކާތަކާ ކުރިމަތިލުމަށް ވަކިވަކި ފަރުދުންނާއި މުޅި މުޖުތަމައު ވެސް ބާރުވެރިކުރުން.

3. ވަކި ބަޔަކަށް އަމާޒުކުރުމެއް ނެތި، މޫސުމާ ބެހޭ ކަންކަމުގައި އެންމެންވެސް މަސްއޫލުވެ އުޅުމަށް ބާރުއެޅުން.

ކާރިސާތަކަށް ތައްޔާރުވުމަށާއި އިންސާނީ އެހީތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ގޮތުން، މޫސުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގައި ވެސް އެހީތެރިވުމަށް އެ ޖަމިއްޔާއިން ވަނީ ތައްޔާރުވެފައި ކަމަށް ރެޑް ކްރެސެންޓްއިން ފާހަގަކުރިއެވެ.

ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ މަޤްޞަދަކީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިންސާނުންގެ ތަކުލީފު ހުއްޓުވައި، ލުއިކޮށްދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. ރާއްޖޭގެ ރެޑް ކްރެސެންޓަކީ އިންސާނީ އެހީ ފޯރުކޮށްދޭ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުގެ 187 ވަނަ މެންބަރެވެ.

comment ކޮމެންޓް