އިޒްރޭލް މައްސަލައިގެ ދޮގު މައުލޫމާތުތަކާ ގުޅޭ ގޮތުން ޖަވާބުދާރީވުމަށް ޒަކަބާގަށް 24 ގަޑިއިރު ދީފި

މެޓާގެ ވެރިޔާ މާކް ޒަކަބާގް --- ފޮޓޯ/ ބްލޫމްބާގް

އިޒްރޭލާއި ހަމާސްއިން ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅޭ ގޮތުން މެޓާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފެތުރެމުންދާތީ، އެކަމަށް ޖަވާބުދާރީވުމަށް މެޓާގެ ވެރިޔާ މާކް ޒަކަބާގްއަށް 24 ގަޑިއިރު ދީފިއެވެ.

އިޒްރޭލްގެ މައްސަލައާއި ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން މެޓާގެ ޕްލެޓްފޯމްތަކުގައި ފެތުރެމުންދާ ދޮގު މައުލޫމާތުތަކަށް ސަމާލުވުމަށް ގޮވާލައި ޔޫރަޕްގެ ރެގިއުލޭޓަރު ތިއޭރީ ބްރެޓަން ވަނީ ޒަކަބާގްއަށް ސިޓީއެއް ފޮނުވައިފައެވެ.

ބްރެޓަން ފާހަގަކުރެއްވީ އިންސްޓަގްރާމްއާއި ފޭސްބުކް ފަދަ މެޓާ ހިއްސާވާ ޕްލެޓްފޯމްތަކުގައި ގަވާއިދާ ޚިލާފު ކޮންޓެންޓާއި ދޮގު މައުލޫމާތުތައް އިތުރުވަމުންދާ ކަމަށެވެ.

އީޔޫއިން އަލަށް އެކުލަވާލި ޑިޖިޓަލް ހިދުމަތުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފު ކޮންޓެންޓް މޮނިޓާކޮށް ފޮހެލުމުގެ ޒިންމާ އުފުލާނީ މެޓާއިންނެވެ. އަދި އެގޮތަށް އަމަލު ނުކޮށްފި ނަމަ އެ ކުންފުންޏަށް އަހަރަކު ލިބޭ އާމްދަނީގެ ހަ ޕަސެންޓާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އަލަށް އެކުލަވާލި ޤަވާއިދުގައި ބުނެފައިވެއެވެ.

ބްރެޓަން ވަނީ، އިޒްރޭލް މައްސަލައިގައި ކޮންޓެންޓް މޮނިޓާކުރަން ހަރުދަނާ ނިޒާމްތަކެއް ބޭނުންވާކަން ފާހަގަކުރައްވައި މެޓާއިން ފިޔަވަޅު އަޅާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް 24 ގަޑިއިރު ދެއްވާފައެވެ.

އެކަމާ ގުޅިގެން ސީއެންބީސީއާ ވާހަކަދައްކަމުން މެޓާ އިން ބުނީ އިޒްރޭލުގެ މައްސަލައިގެ ހާލަތު މޮނިޓާކޮށް، ކޮންޓެންޓާ ގުޅުން ހުރި މައްސަަލަތައް ހައްލު ކުރުމަށް ޚާއްޞަ އޮޕަރޭޝަން ސެންޓަރެއް ގާއިމްކޮށްފައިވާ ކަމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިންތިޚާބުތައް މިހާރު ކައިރިވަމުން އަންނައިރު، އެ ކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު ވާހަކަތަކާ ގުޅޭ ތަހުގީގެއް ވެސް ޔޫރަޕިއަން ކޮމިޝަނުން ވަނީ ފަށައިފައެވެ.

ބްރެޓަން ވިދާޅުވީ ޑިޖިޓަލް ހިދުމަތުގެ ގާނޫނުގެ މަގްސަދަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކޮށް، ރައްޔިތުންނާއި ޑިމޮކްރަސީތައް ދޮގު މައުލޫމާތާއި ގެއްލުންހުރި ކޮންޓެންޓުން ރައްކާތެރިކުރުން ކަމަށެވެ.

comment ކޮމެންޓް