އެމްއެންޕީއާ ގުޅިގެން މަޖިލީހަށް ވާދަކުރުމާ މެދު ޕީޕީއެމް/ޕީއެންސީގެ ބަހެއް ނެތް

ޕީޕީއެމް/ޕީއެންސީއާ އެކު އެމްއެންޕީން ކޯލިޝަން އެއްބަސްވުން ހެދުން -- ފޮޓޯ/ ޕީޕީއެމް

އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވުމާ ގުޅިގެން އެއްވެސް އެއްޗެއް ބުނަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދެކޮޅު ހަދައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ބާތިލު ވޯޓަށް ވުރެ މަދުން ވޯޓު ލިބުނު އެމްއެންޕީން ރޭ ބޭއްވި ހިންގާ ކައުންސިލްގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން އެއްބަސްވުން ހަދާފައިވާނީ އަންނަން ހުރި އިންތިޚާބުތަކުގައި ތިން ޕާޓީ ގުޅިގެން ވާދަކުރާ ގޮތަށް އެއްބަސްވެގެން ކަމަށެވެ. އެހެންވެ، މަޖިލީސް އިންތިޚާބުގައި ވެސް ތިން ޕާޓީން ވާދަކުރާނީ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމްގެ ވާހަކަތަކާ ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅު ކުރަން ފަށައިފައެވެ.

https://sun.mv/183027

އެ ކަމާ ގުޅިގެން ރެއިން ފެށިގެން "ސަން"އިން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ އެކިއެކި ބޭފުޅުންނާ ތަކުރާރުކޮށް ސުވާލުކޮށްފައެވެ. އެކަމަކު، އެ ދެ ޕާޓީން ވަނީ އެ ކަމާ ގުޅިގެން އެއްޗެއް ބުނަން ދެކޮޅު ހަދައިފައެވެ.

ނަމަވެސް، ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކި ބައެއް ބޭފުޅުން ވިދާޅުވީ، އެއީ ކޯލިޝަނެއްގައި ތިބުމުން ނާޒިމް ވިދާޅުވި އެއްޗަކަށް ވެދާނެ ކަމަށާއި ރަސްމީކޮށް އެ ކަމުގައި ޕީޕީއެމް/ޕީއެންސީން އެއްޗެއް ބުނަން ދަތިވާ ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްއެންޕީން ވާދަކޮށް ލިބުނީ، 1,907 ވޯޓެވެ. އެއީ އިންސައްތައަކަށް ވުރެ ވެސް މަދެވެ. ޕީޕީއެމް/ޕީއެންސީން އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯދައިފައެވެ. ދެވަނަ ބުރަށް އެމްއެންޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދީ އެއްވެސް ޝަރުތަކައިނުލާ ކަމަށް އޭރު ދެ ޕާޓީން ވެސް ވަނީ ބުނެފައެވެ.

ނާޒިމްގެ ވާހަކަފުޅާ ގުޅިގެން ނުރުހުން ފާޅު ކުރަމުން ޕީޕީއެމްގެ ސަޕޯޓަރުން ބުނެފައިވަނީ، އިންތިޚާބުގައި އެހާ މަދުން ވޯޓު ލިބުނު ޕާޓީއަކާ އެކު ޕީޕީއެމް/ޕީއެންސީން ގޮނޑިތައް ބަހަން ނުޖެހޭނެ ކަމަށެވެ. އަދި، އެމްއެންޕީން އެހެން ބުންޏަސް އެއީ އެ ދެ ޕާޓީގެ ސަޕޯޓަރުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްއެންޕީއާ އެކު ވާދަކުރުމަކީ "ޕީޕީއެމްގެ ލޮބުވެތި މެންބަރުންގެ ކަންފަތްމަތީ" ޖަހާ އެތިފަހަރެއް ގޮތުގައި އެ ޕާޓީގެ ސަޕޯޓަރުން ވަނީ ސިފަކޮށްފައެވެ.

"ބާތިލް ވޯޓަށްވުރެ މަދުން ވޯޓު ލިބުން ޕާޓީއަކަށް ޕީޕީއެމް/ޕީއެންސީ މީހުންނާ އެކީ ޕްރައިމަރީގައި ވާދަކުރަން ލިބުމަކީ ބޮޑު ޖޯކެއް" މެންބަރަކު ލިޔެފައިވެއެވެ.

comment ކޮމެންޓް