ޓެރަރިސްޓު ޖަމާއަަތްތަކުގެ ލިސްޓަށް އާ ގުރޫޕެއް އިތުރުކޮށްފި

މާލޭގައި ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު މުރާޖާކުރުމަށް ފަހު، އައު ގްރޫޕެއް ހިމަނައި އާންމުކޮށްފިއެވެ.

ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަކީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވައިލާ ލިސްޓެކެވެ.

މި ލިސްޓު އަލުން މުރާޖާކޮށް މިއަދު ގެޒެޓްކޮށްފައިވާއިރު އަލަށް އެ ލިސްޓުގައި ހިމަނައިފައިވަނީ 'ޖަމާ އަންޝާރުއް ދައުލާ' (ޖޭއޭޑީ) ނަމަކަށް ކިޔާ ޖަމާއަތެކެވެ.

މި ޖަމާއަތަކީ 2015ވަނަ އަހަރު އިންޑޮނޭޝިއާގައި އުފައްދާފައިވާ ޖަމާއަތެކެވެ. މި ޖަމާއަތް އުފެދުނު ފަހުން މިހާތަނަށް ބޮޑު ތިން ޓެރަރިސްޓު ހަމަލާ ދީފައިވާކަމަށް އދ.ގެ ސަލާމަތީ މަޖިލީހުން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ޖާވާ އައިލޭންޑްސްގެ ސިޓީއެއްކަމަށްވާ ސުރަބްޔާގެ ފައްޅިއަކަށް 2018ވަނަ އަހަރު ދިން ހަމަލާއެއް ހިމެނެއެވެ. އެ ހަމަލާގައި 13 މީހަކު މަރުވެ، 40 މީހަކު ޒަޚަމްވިއެވެ. އަދި 2017ވަނަ އަހަރު އެ ޖަމާއަތުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހަމަލާއެއްދީ، ތިން ޕޮލިސް އޮފިސަރަކު މަރައި، ޖާނުން ފިދާވެގެން ބޮމުގެ ހަމަލާތައް ދީފައިވެއެވެ.

ރާއްޖޭގެ ލިސްޓުގައި މިހާރު ޖުމްލަ 20 ޖަމާއަތެއް ހިމެނެއެވެ. އެ ލިސްޓުގައި ދަތުރުކުރުން މަނާ ސަރަަހައްދެއްގެ ގޮތުގައި 2019ވަނަ އަހަރުން ފެށިގެން ސީރިޔާ އޮތް އޮތުމަށް ބަދަލެއް ގެނެސްފައިނުވެއެވެ.

މި ލިސްޓު އެކުލަވައިލުމަކީ، 2015ގައި އަމަލުކުރަން ފެށި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅެކެވެ. އެ ލިސްޓު އަހަރަކު އެއްފަހަރު މުރާޖާކުރަން ޖެހެއެވެ.

comment ކޮމެންޓް