ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް އެހީވުމަށް، ކެންސަރު ސޮސައިޓީއާއި ޓީއެފްޖީގެ އެއްބަސްވުމެއް

ކެންސަރު ބައްޔައް ފަރުވާ ހޯދާ ފަރާތްތަކައް އެހީ ވުމަށް ޓީއެފްޖީއާއި ސީއެސްއެމް އާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރަނީ -- ސަން ފޮޓޯ

ކެންސަރު ބައްޔައް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމަށާއި ކެންސަރާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ޓޯޓަލް ފިޓްނެސް ގުރޫޕް (ޓީއެފްޖީ) އާއި ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ޓީއެފްޖީން ބުނީ މި އެއްބަސްވުމަކީ ދުޅަހެޔޮ މުޖުތަމައުއެއް އުފައްދައި ރަނގަޅު ސިއްހަތެއްގައި ދެމިތިބުމުގެ ޝައުގުވެރިކަން ދިވެހިންގެ މެދުގައި އުފެއްދުމުގެ މަގްސަދުގައި، ޓީއެފްޖީގެ ފަރާތުން ކުރާ ގިނަ މަސައްކަތްތަކުގެ ދަށުން މިއަހަރު ބާއްވާ "މޯލްޑިވްސް ލޯންގް ރަން"އިން ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ފަންޑު ރައިޒް ކޮށްދިނުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ޓީއެފްޖީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޓީއެފްޖީގެ ސީއީއޯ ހަސަން ޒިނާނެވެ. އަދި ސީއެސްއެމްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ސީއެސްއެމްގެ އޯގަނައިޒިން ސެކެޓްރީ ރައްޒާން މުހައްމަދެވެ.

ކެންސަރު ބައްޔައް ފަރުވާ ހޯދާ ފަރާތްތަކައް އެހީ ވުމަށް ޓީއެފްޖީއާއި ސީއެސްއެމް އާ ދެމެދު ވެވޭ އެއްބަސްވުމުގައި ސޮއިކުރަނީ _ ސަން ފޮޓޯ

ޓީއެފްޖީއިން ކޮންމެ އަހަރަކު ވެސް އަންނަނީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ދުވުމުގެ ހަރަކާތްތަކެއް އިންތިޒާމް ކުރަމުންނެވެ. މި އިންތިޒާމްގެ ދަށުން މިއަހަރަށް ރާވާފައިވާ ތިންވަނަ ދުވުން އަންނަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސީއެސްއެމްއިން ވަނީ، ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތްތުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އެދިފައެވެ.

ސީއެސްއެމްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު މަދުކުރުމާއި ކެންސަރު ޖެހިފައިވާ މީހުންނަށް ކުރާ ބަލީގެ އަސަރު ކުޑަކުރުމާއި ކެންސަރާ ބެހޭ ގޮތުން ހޭލުންތެރިކުރުން ހިމެނެއެވެ. މީގެ އިތުރުން ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެ ޖަމިއްޔާއިން ކުރެއެވެ.

ފިޓްނެސް ގުރޫޕް ޓީއެފްޖީގެ އާ އޮފީސް އިމާރާތެއް މ. ހައިވަކަރުގޭގައި ވަނީ ހުޅުވާފައެވެ. އެއާއެކު ޓީއެފްޖީން ވަނީ ޖިމްގެ އިތުރުން އެހެން ޚިދުމަތްތައް ވެސް ދޭން ފަށާފައެވެ. އެގޮތުން އިން-ހައުސް ކެފޭއަކާއި އިން-ހައުސް ސްޕޯޓްސް ޝޮޕަކާއި ކުޑަކުދިންނަށް ޚާއްސަ ޖިމެއް ހިމެނެއެވެ.

comment ކޮމެންޓް