ދުވަސްވީ މީހެއްގެ އަތުން ފޭރުން: ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް

ހަނިމާދޫ: އެ ރަށުގައި ވަނީ އުމުރުން ދުވަސްމީ މީހެއްގެ އަތުން ފޭރިފައި ---

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، އެ މީހާ އަތުން ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިދީފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ދަންވަރުއެވެ. ފުލުހުން ބުނީ 63 އަހަރުގެ މީހަކަށް ހަމަލާ ދީ ފޭރިގަނެފައިވަނީ އެރޭ 11:45 ހާއިރު އޭނާ ދިރިއުޅޭ ގެޔަށް ވަދެ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އުމުރުން 25 އަހަރުގެ ޒުވާނާގެ ބަންދަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް އިތުރު ކޮށްދީފައިވާ ކަމަށެވެ.

އެ ހާދިސާގައި ޒަހަމްވި 63 އަހަރުގެ މީހާއަށް ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި އެއީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ހަނިމާދޫއިން އުމުރުން ދުވަސްމީހަކަށް ހަމަލާދީ، އޭނާގެ އަތުން ފޭރިގަނެފައިވާއިރު، އައްޑޫ ސިޓީ މަރަދޫގައި 81 އަހަރުގެ މީހަކު ބަނުމަށްފަހު އޭނާ އަތުންވެސް ވަނީ ފޭރިގަނެފައެވެ. މި މައްސަލައާގުޅިގެން އުމުރުން 50 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

comment ކޮމެންޓް