މުއިއްޒުގެ ސަރުކާރުގައި އަޅުގަނޑު ބައިވެރިވަން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އަދި އިންތިޚާބީ ރައީސް ޑރ. މުއިއްޒު: އާ ސަރުކާރުގައި ނަޝީދު ބައިވެރިވާ ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ވިދާޅުވެފަ --- ފޮޓޯ: މަޖިލިސް

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގައި ވެރިކަމުގެ ހުވާ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެމަނިކުފާނު ބައިވެރިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެއްވެސް އިތުރު ފިކުރެއްގެ ޕާޓީ އަކާއެކު ރަސްމީ ގޮތެއްގައި ކޯލިޝަން ނުހަދައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު ކާމިޔާބު ކުރެއްވީ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ، 129,159 ވޯޓެވެ.

އިންތިޚާބް ކާމިޔާބް ކުރެއްވި މުއިއްޒު އެމަނިކުފާނުގެ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނައިރު އެ ސަރުކާރުގައި, ދަ ޑިމޮކްރެޓްސްއަށް ނިސަބްތްވާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ ކަމަށް އެމަނިކުފާނު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ, އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފައްދަން މަސައްކަތްކުރާ ސަރުކާރާ ގުޅޭ ގޮތުން ބޭރުގެ އިއްޒަތްތެރިންނަށް މިހާރު ސަރުކާރުގައި ތިއްބެވި ބައެއް ވަޒީރުން މެސެޖު ފޮނުވަމުންދާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދު އަދި އިންތިޚާބީ ރައީސް ޑރ. މުއިއްޒު: އާ ސަރުކާރުގައި ނަޝީދު ބައިވެރިވާ ކަމަށް އެމަނިކުފާނު ވަނީ އަމިއްލަފުޅަށް ވިދާޅުވެފަ --- ފޮޓޯ: މަޖިލިސް

"ބައެއް ވަޒީރު ބޭފުޅުން ދުނިޔޭގެ އެކިއެކި އިތްޒަތްތެރިންނަށް ޓެކްސްޓް ކުރައްވައި އެބަ ދިވެހިރާއްޖޭގައި އުފެދެން މި އުޅޭ ސަރުކާރާއި ގުޅޭ ގޮތުން ބަދު ބަސް ބުނަމުން ދެން މި ދެންނެވި އިއްޒަތްތެރިން އެ ޓެކްސްޓްތައް އަޅުގަނޑަށް އެބަ ފޮނުވާ ދެން އަޅުގަނޑު އެބަ ދަންނަވަން އެ ވިދާޅުވާ ސަރުކާރުގައި އަޅުގަނޑު ވެސް ބައިވެރިވެއޭ," ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެ ސަރުކާރާ ގުޅޭ ގޮތުން ބަދު ބަސް ބުނެ ބޭރުގެ އިއްޒަތްތެރިންނަށް މެސެޖްކޮށް ނުހެދުމަށް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

"ދެން އެހެންވީމަ އަޅުގަނޑަށް ވަރަށް އުނދަގޫވޭ ސާފުކޮށްދޭން ތި އެހާ ގޯސް ކަމެއް ރާއްޖޭގައި ވާން އުޅޭ ކަމަށް. އަޅުގަނޑު އިލްތިމާސްކުރަން ހުރިހާ ވަޒީރު ބޭފުޅުންނަށް ވެސް އަދި އެހެން އިއްޒަތްތެރިންނަށް ވެސް ދުނިޔޭގެ އެކި ތަންތަނަށް ޓެކްސްޓް ފޮނުވައި ނުހެއްދެވުމަށް," ނަޝީދު ވިދާޅުވިއެވެ.

މިހާރު މިއޮތް ސަރުކާރު ގެނައުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއާ ޖެހުނު މައްސަލަތައް ހައްލު ނުކުރެވި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ވަކިވެވަޑައިގަތް ނަޝީދު ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

ނަޝީދު ނިސަބަތްވާ ދަ ޑިމޮކްރެޓްސްއިންވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކޮށްފައެވެ. އެ ޕާޓީން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރެއްވިއިރު ހަތް ޕަސެންޓާއެކު، ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އޭނާއެވެ. އެއީ 15،839 ވޯޓެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސްއިން އޮތީ ބައިވެރިވާން ތައްޔާރަށް ކަމަށާއި ދެން އޮތީ އެކަމާ ގުޅިގެން މަޝްވަރާތައް ކުރުން ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް