ރާއްޖެއަށް ފައިދާ ކުރާނެ އެއްވެސް އެއްބަސްވުމެއް އުވާ ނުލާނަން: މުއިއްޒު

މިރޭ ސަލްޓަން ޕާކުގައި ބޭއްވި ރައްޔިތުން ގާތަށް އިވެންޓުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ އެލީޒް

ރާއްޖެއަށް ފައިދާހުރި ގޮތަށް ވެފައިވާ އެއްވެސް އެއްބަސްވުމެއް އުވާ ނުލައްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ސަލްޓަން ޕާކު ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވި ސުވާލާ ޖަވާބު ސެޝަންގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ސިއްރުކޮށްފައިވާ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށެވެ.

އެގޮތުން، ދިފާއީގޮތުން ކްރިޓިކަލް ބައެއް މައުލޫމާތު ފިޔަވާ އެހެން އެއްވެސް ކަމެއް ސިއްރުވެފައި އޮވެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ފޮރުވިފައި އޮންނަން ޖެހޭ އެއްވެސް ކަމެއް ސަރުކާރެއްގެ ތެރޭ އޮންނާނެ ކަމަކަށް،"

"ސީދާ އެމްއެންޑީއެފުން ސީދާ ޑިފެންސާ ގުޅިގެން ހުންނަ ވަރަށް ކްރިޓިކަލް ވަރަށް މުހިއްމު ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން އަބަދު ވެސް ހުންނާނެ، އެކަންކަން ވާހަކައެއް ނޫން މިދައްކަނީ،" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، މި ސަރުކާރުގެ ލޯނު އެއްބަސްވުންތަކާއި، ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކއް ވެސް ސިއްރުކޮށްފައިވާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މިރޭ ސަލްޓަން ޕާކުގައި ބޭއްވި ރައްޔިތުން ގާތަށް އިވެންޓުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ އެލީޒް

"މިހާރު މިވާ ގޮތަކީ ތަރައްގީގެ މަޝްރޫއެއްގެ އެއްބަސްވުމެއްގައި އޮންނަ މާއްދާއެއް ހާމަކުރަންވެއްޖިއްޔާ، ހާމަކުރަން ދެކޮޅު ހަދާ އެބަ، ސުޕްރީމް ކޯޓާ ހަމައަށް ދާން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަ ވެސް އަޑި ނޭނގޭ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެއީ، މަޝްރޫއުތައް މަޑުޖައްސާލުމުގެ ނިޔަތުގައި ކުރައްވާ ކަމެއް ނޫން ކަމަށާއި، ނަމަވެސް އަވަހަށް ކުރިއަށް ދިޔުމުގެ ބޭނުމުގައި ކުރައްވާ ކަމެއް ކަމަށެވެ.

"ބޭނުމަކީ ކުރިއަށް ދާން. ކުރިއަށް ދެވޭނީ ކަންކަން އެނގިގެން" މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ގައުމުގެ ސަލާމަތަށް ނުރައްކާ ހުރި ކަމެއް އެ އެއްބަސްވުންތަކުގައި އޮތްނަމަ، އެކަން ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންޑިއާގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަމުންދާ ބައެއް މަޝްރޫއުތަކުގެ އެއްބަސްވުން ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅުހަދާފައެވެ. އެގޮތުން، އުތުރު ތިލަފަޅުގައި ތަރައްގީ ކުރާ ބަނދަރާއި، ތިލަމާލެ ބުރިޖުގެ އެއްބަސްވުން، ހާމަކުރުމަށް ދެކޮޅުހެދި މައްސަލަ ހައިކޯޓާ ހިސާބަށް ވަނީ ގެންގޮސްފައެވެ.

comment ކޮމެންޓް