އެންޓި ކެމްޕޭން ނުކުރާން އެމްއެމްސީން މީޑިއާތަކަށް ގޮވާލައިފި

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެެރެއިން -- ފޮޓޯ/ އެމްއެމްސީ

އިންތިޚާބުތަކާ ބެހޭ އާންމު ގަވާއިދާ ހިލާފަށް ބައެއް ނޫސްތަކުން ޚަބަރު ޝާއިއު ކުރާ ކަމަށާއި، އެހެންވެ އެއްވެސް ކެންޑިޑޭޓަކާ ދެކޮޅަށް އެންޓި ކެމްޕޭން ނުކުރާން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މީޑީއާތަކަށް މިއަދު ގޮވާލައިފިއެވެ.

އެމްއެމްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކެމްޕެއިން ހަރަކާތްތައް ގެނެސްދިނުމުގައި ބައެއް ނޫސްތަކުން "ދިވެހި މީޑިއާގެ އަޚުލާގީ މިންގަނޑު" ގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއް ނެތި އެކިއެކި ކޮންޓެންޓް ޝާއިއު ކުރާ ކަމަށެވެ. އެހެންވެ، އެގޮތަށް އެކަން ނުކުރާން އެ ކައުންސިލުން ވަނީ ގޮވާލައިފައެވެ.

އެގޮތުން ކެންޑިޑޭޓުންނާ އެ މީހުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަކި ސުލޫކީ މިންގަނޑަކަށް އަމަލުކުރުމަށް "އިންތިޚާބުތަކާބެހޭ އާންމު ގަވާއިދު" ލާޒިމް ކޮށްފައިވާކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ، ކެންޑިޑޭޓުންގެ އަމިއްލަ ދިރިއުޅުމާއި ޒާތީ ކަންކަމާ ބެހި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ހަގީގަތް އޮޅޭފަދަ ގޮތަކަށް ކެންޑިޑޭޓަކާ ބެހޭގޮތުން ވާހަކަ ދެއްކުން ފަދަ ކަންކަމަކީ "އިންތިޚާބުތަކާ ބެހޭ އާންމު ގަވާއިދު"ގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

"...މީހުންގެ މެދުގައި ފިތުނައާއި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ، ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްގަށް އުނިކަން ދިނީ ކަމަށް ބެލެވޭނެ ކަންކަމުގެ ތެރޭގައި އިންތިޚާބުތަކާ ބެހޭ އަންމު ގަވާއިދުގެ 19ވަނަ މާއްދާގެ (ށ)ގެ ދަށުން ހިމަނާފައިވާ ބައެއް ކަންކަމެވެ،" އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމެއް ނުކުރުމަށާއި އެއްގޮތަކަށް ވެސް އެންޓި ކެމްޕެއިން ނުކުރުމަށް ނޫސްތަކަށާއި މީޑިއާތަކަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް