އައްޑުއަށް އަނިޔާވެރިވާ ސަރުކާރަކަށް ފުރުސަތު ނުދެއްވާ: އަސްލަމް

އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވާހަކަދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އުދާސްތައް އެންމެ ބޮޑަށް ތަޖުރިބާ ކުރަން ޖެހޭ ބަޔަކީ އައްޑޫ ރައްޔިތުން ކަމަށާއި، އެހެންކަމުން އެ ސިޓީއަށް އަނިޔާވެރިވާ ސަރުކާރަކަށް ފުރުސަތު ނުދެއްވުމަށް، ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ރަނިންމޭޓު މުހައްމަދު އަސްލަމް އެދިލައްވައިފިއެވެ.

އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވައި މިއަދު ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީގެ އަދި އަދާލަތު ޕާޓީގެ ބޭނުމަކީ ވެސް މި ރާއްޖެ ބަދަލުކޮށް މި ރާއްޖެ ކުރިއަށް ގެންގޮސްދިނުން ކަމަށެވެ. އެގޮތުން މި ރާއްޖޭގެ ރައްޔިތުން އެތަކެއް ޒަމާންތަކަކަށް އުންމީދުކުރަމުން އައި ކަންތައްތައް ފުރިހަމަކޮށްދީ އެކަންކަން ހަމަޖައްސައިދިނުމަކީ އެންމެ ބޮޑު އަމާޒުކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެގޮތުން އައްޑޫ ސިޓީއަށް ބަލާއިރު އެތައް ޒަމާނެއް ވެއްޖެއޭ އަޅުގަނޑުމެން ކާފަމެން ހިސާބުން ގަމަށް ދަނީ. ގަމުގައި އަޅާފައި އޮތް ތާރުގަނޑު ފެނޭ އެމީހުންނަށް. ގަމުގެ ރީތިކަން ފެނޭ އެމީހުންނަށް. އެތައް އަހަރެއް ކުރިން އެ ފަސޭހަ އަޅުގަނޑުމެންނަށް ވަނީ ކުރެވިފަ،" އަސްލަމް ވިދާޅުވިއެވެ.

އައްޑޫއަށް އިޝާރާތްކޮށް އަސްލަމް ވިދާޅުވީ ނަރުދަމާއާއި ސާފު ބޯފެނުގެ ނިޒާމު ގާއިމްވެފައި އޮތުމުން އެއީ ފަސޭހައެއް ކަން އެންމެ ރަނގަޅަށް އިހުސާސްވާ ބަޔަކީ އައްޑޫ މީހުން ކަމަށެވެ. އެކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުރިހަމަކޮށްދިނީ މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"ކޮން ސަރުކާރަކަށްތޯ އެކަންކަން ފުރިހަމަކޮށްދެވުނީ؟ ކޮން ސަރުކާރަކަށްތޯ އެކަން ކުރެވުނީ؟ އެމްޑީޕީގެ ފުރަތަމަ ސަރުކާރާ އެމްޑީޕީގެ ދެވަނަ ސަރުކާރަށް. ވަކިން ޚާއްސަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މި ސަރުކާރުން ވަށާޖެހޭ ތަރައްގީގެ ރަނގަޅު ޕްރޮގްރާމެއް ފަށައިގެން މި ކުރިއަށް ގެންދަނީ،" އަސްލަމް ވިދާޅުވިއެވެ.

ކެމްޕެއިން ދަތުރުފުޅުގައި ރައީސް ޞާލިޙު އައްޑޫއަށް-- ފޮޓޯ/ އެމްޑީޕީ

އަސްލަމް ވިދާޅުވީ އެކަން ބަލައިގަތުމަކީ ރައްޔިތުންގެ ބޮޑުވެގެންވާ މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރު ނޫން ސަރުކާރެއް އަތުވެއްޖެ ނަމަ އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލުކުރާނީ ވެސް އައްޑޫ ސިޓީއިން ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އައްޑޫއަށް އަނިޔާވެރިވާ ސަރުކާރަކަށް ފުރުސަތު ނުދެއްވާ. އެމްޑީޕީގެ ވެރިކަން ގެއްލިގެންދާ ކޮންމެ ފަހަރަކު ހިތްދަތިކަމާއި އުދާސްކަން އެންމެ ބޮޑަށް ލިބޭ ބަޔަކީ އައްޑޫ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފިތުނައިގެ ތެރެއަށް ދެވިދާނެ ކަމަށާއި އެހެންނަމަވެސް ދޮގާއި ފަސާދައިގެ ތެރެއަށް ދާން ބޭނުން ނުވާ ކަމަށެވެ. އެކަން ވާން ބޭނުން ނުވާނަމަ ރައީސް ޞާލިޙަށް ދެވަނަ ބުރުގައި ވޯޓު ދެއްވުމަށް އަސްލަމް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަސްލަމް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ދާއިރާއިން ރައީސް ޞާލިޙު ވަނީ މެޖޯރިޓީ ނަންގަވައިފައެވެ. އެގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 42.79 ޕަސެންޓު ވޯޓެވެ. އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 37.05 ޕަސެންޓު ވޯޓެވެ.

comment ކޮމެންޓް