ސައުދީގެ ބޮޑު މުސާރައަކަށްވުރެ، މިލާނާއެކު ޗެމްޕިއަންސް ލީގު މާ މުހިންމު: ލިއާއޯ

އޭސީ މިލާންގެ ޕޯޗުގަލް ފޯވަޑް ރަފައެލް ލިއާއޯ -- ފޮޓޯ/ ގެޓީ

ސައުދީ އަރަބިއާގެ ކްލަބަކުން ބޮޑު މުސާރައަކަށްވުރެ، އޭސީ މިލާނާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން މާ އަގުހުރި ކަމަށް އެ ކްލަބުގެ ޕޯޗުގަލް ފޯވަޑް ރަފައެލް ލިއާއޯ ބުނެފިއެވެ.

އުމުރުން 24 އަހަރުގެ ލިއާއޯއަށް ސައުދީގެ ކްލަބުތަކަކުން ހުށަހެޅުންތަކެއް ލިބުނު ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުންތައް ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. މިވަގުތު މިލާނުގައި ހުރީ އުފަލުގައި ކަމަށް ލިއާއޯ ވަނީ ބުނެފައެވެ.

"އަހަރެން ގަބޫލުކުރަނީ މިލާންގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށް. އަަހަރެމެންނަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލާ ހިސާބަށް ދެވުނު. ކްލަބު އަމާޒާއެކު ކުރިއަށް ދާންޖެހޭ. އަހަރެމެންނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ، އެއީ އަހަރެމެންގެ އަމާޒަކީ. އަހަރެންނަކީ އަދި ޒުވާން ކުޅުންތެރިއެއް ނަމަވެސް، ބޮޑެތި ކާމިޔާބުތަކެއް ހޯދަން ބޭނުން. ކޮންމެ ކުޅުންތެރިޔަކު ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުންވާނެ،" އޭނާ ބުންޏެވެ.

ލިއާއޯ ބުނީ ކެރިއަރުގެ ކޮންމެވެސް ހިސާބެއްގައި ސައުދީ ޕްރޯ ލީގު ފަދަ ލީގަކުން ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް މިލާނުން އޭނާއަށް ވަރަށް ރަނގަޅަށް ކަންކަން ކޮށްދެމުންދާ ކަމަށެވެ.

"އަހަރެންގެ އަމާޒު ހުރީ މިލާނާއެކު ކުރިއަށްއޮތް ދެ އަހަރު ނުވަތަ ތިން އަހަރު ބޮޑެތި ކާމިޔާބީތަކެއް ހޯދަން. ސައުދީ ލީގު ފަދަ ލީގަކަށް ދިއުމުގެ ކުރިން އަހަރެން ބޭނުންވާ ހުރިހާ ކާމިޔާބީއެއް އަދި ހާސިލެއް ނުކުރެވޭ. އަހަރެންނަށް ސައުދީން ލިބޭ ދިހަ މިލިއަން ދިހަ މިލިއަން ޔޫރޯގެ މުސާރައަކަށްވުރެ މި ކްލަބާއެކު ޗެމްޕިއަންސް ލީގު ހޯދުން މާ މުހިންމު،" އޭނާ ބުންޏެވެ.

މިލާނުން ވަނީ ހަތް ފަހަރަކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް 2007 ވަނަ އަހަރަށްފަހު އެ ކްލަބަށް އެ މުބާރާތް ކާމިޔާބުކުރެވިފައެއް ނުވެއެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އޭސީ މިލާން ބަލިވީ ވާދަވެރި އިންޓަ މިލާން އަތުންނެވެ.

comment ކޮމެންޓް