ރިސޯޓު މުވައްޒަފުންނަށް 300 ފުލެޓު ދޭން ރައީސް ނިންމަވައިފި

ރިސޯޓު މުވައްޒަފުންތަކެއް -- ފޮޓޯ/ ރިސޯޓް ވޯކާސް މޯލްޑިވްސް

ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ހާއްސަކޮށްގެން 300 ފުލެޓު ދޭން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ "ސަން"އަށް ވިދާޅުވީ، 15 އަހަރު ވަންދެން ރިސޯޓުތަކުގައި މަސައްކަތް ކުރި އަދި މިހާރު ވެސް ކުރަމުންދާ މުވައްޒަފުންނަށް ހާއްސަކޮށްގެން 300 ފުލެޓަށް ހުޅުވާލަން ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރިސޯޓު މުވައްޒަފުންނަށް ފުލެޓު ދެނީ މި ފަހުން ސަރުކާރުން އިއުލާނު ކުރި 6،000 ފުލެޓުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"15 އަހަރުވީ، މިހާރު ވެސް މަސައްކަތް ކުރަމުންދާ ރިސޯޓު މުވައްޒަފުންނަށް ހާއްސަކޮށްގެން 300 ފުލެޓަށް ހުޅުވާލަން ރައީސް ވަނީ ނިންމަވާފައި،" އޭނާ ވިދާޅުވިއެވެ.

އަކްރަމް ކަމާލުއްދީން ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް ހާއްސަކޮށްގެން ދޫކުރަން ނިންމާފައިވާ ފުލެޓުތައް ދޫކުރާނެ ގޮތާ ބެހޭ އުސޫލު މިރޭގެ ވަގުތެއްގައި ގެޒެޓު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދެވަނަ ފިޔަވަހީގެ ދަށުން 8،000 ފްލެޓާއި 5،000 އަށް ވުރެން ގިނަ ގޯއްޗަށް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފައެވެ. އެ ސްކީމަށް ހުޅުވައިލާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ، އެހެން ރަށްރަށުގެ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. ފުލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު ނެރެފައިވާ އިރު ވަރަށް އަވަހަށް ދާއިމީ ލިސްޓް ނެރޭނެ ކަމަށް މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް