ގޯތީގެ މައްސަލާގައި ގަމު ރައްޔިތުން އަޑުއުފުލަނީ؛ ކައުންސިލުން ބުނީ މިނިސްޓްރީގެ ހުއްދަ ނުލިބޭ ކަމަށް

ގޯތީގެ މައްސަލާގައި ގަމުގެ ރައްޔިތުން އަޑުއުފުލަނީ--

ލ. ގަމުން 2018 ވަނަ އަހަރު ދޫކޮށްފައިވާ 400 ގޯތި ބޮޑުކުރުމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ހުޅަހެޅި ނަމަވެސް އެ މިނިސްޓްރީގެ ހުއްދަ ނުލިބި ލަސްވުމާ ގުޅިގެން، އެ ގޯތިތަކުގެ ވެރިފަރާތްތަކުން ނުކުމެ، ރަށު ކައުންސިލް ބޭރުގައި އަޑު އުފުލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ގޯތީގެ ވެރި ފަރާތްތަކުން އަންނަނީ ގަމު ކައުންސިލް ބޭރުގައި އެއްވެ އަޑުގަދަކުރަމުންނެވެ. ބައެއް ފަރާތްތަކުން ބެނާތަކެއް ވެސް ހިފައިގެން ތިއްބެވެ. އެ ސަރަޙައްދުގައި ކައުންސިލްގެ ބައެއް މެމްބަރުން ވެސް ހަރަކާތްތެރިވަމުން އެބަދެއެވެ.

މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ގަމުގެ ތިން އަވަށުގެ ހުސްބިންތަކުން 2،000 އަކަފޫޓުގެ 400 ގޯތި ދޫކޮށްފައި ވަނީ 2018 ވަނަ އަހަރުއެވެ.

މިކަމާ ގުޅިގެން 'ސަން' އާ ވާހަކަ ދައްކަވަމުން ލ. ގަމު ކައުންސިލް ރައީސް އަހްމަދު ޒަކީ ވިދާޅުވީ އޭރު 2،000 އަކަފޫޓުގެ 400 ގޯތި ލިބިފައިވާ ވަރަށް ގިނަ މީހުން ވަނީ އެ ގޯތިތައް ކުޑަވެގެން ކައުންސިލަށް ހުށަހަޅާފައި ކަމަށެވެ.

ރައްޔިތުންގެ އެ އެދުމާއެކު ކައުންސިލުން ނިންމީ 4،000 އަކަފޫޓަށް އެ ގޯތިތައް ބަދަލުކުރުމަށް ކަމަށް ޒަކީ ވިދާޅުވިއެވެ.

"އެ ކަން ފާސްކުރުމަށް ފަހު އަޅުގަނޑުމެން ވާނީ ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފަ. މިނިސްޓްރީން ބުނީ ލޭންޑް ޔޫސް ޕްލޭން އެކުލަވާނުލާ އެކަން ނުކުރެވޭނެ ކަމަށް،" ޒަކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ގޯތިތައް ބޮޑު ކުށްދީ ހަދާފައިވާ ލޭންޑް ޔޫސް ޕްލޭން މިމަހުގެ ތިން ވަނަ ދުވަހު ވަނީ މިނިސްޓްރީއަށް ހުށަހަޅައިފައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް މިނިސްޓްރީއަކުން އެ ހުއްދަ ލިބިފައި ނުވާ ކަމަށް ޒަކީ ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން މިހާރު އަޑުއުފުލަމުން ދަނީ އެކަން ލަސްވެގެން ކަމަށް ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވީ މިއަދު ހެނދުނު 09:30 ވީންސުރެ އަދިވެސް ކައުންސިލް ބޭރުގައި ރައްޔިތުން އަޑުގަދަކުރަމުންދާ ކަމަށެވެ. އަދި އެ ރައްޔިތުންނާ އެކު ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޒަކީ ވިދާޅުވިއެވެ.

"400 ގޯތި ލިބިފައިވާ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ނުކުމެ. މިކަން ހައްލުވާނީ މިނިސްޓްރީން ޖަވާބެއް ދީގެން ރައްޔިތުންނަށް ގޯތި ލިބިގެން،" ޒަކީ ވިދާޅުވިއެވެ.

comment ކޮމެންޓް