އުތުރު ތިލަފަޅުގައި ތަރައްގީކުރާ ރާއްޖޭގެ ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް)ގެ ބަނދަރާއި ޑޮކްޔާޑަކީ އަސްކަރީ ބޮޑެތި މަނަވަރު ބަނދަރުކުރެވޭ ފެންވަރަށް ތަރައްގީކުރާ ތަނެއް ނޫންކަމަށް އެމްއެންޑީއެފުން ރޭ ބުނެފިިއެވެ.
މީޑިއާގައި މިހާރު ދައުރުވަމުން އަަަންނަ އުތުރު ތިލަފަޅުގައި ތަރައްގީކުރާ ބަނދަރުގެ ކުރެހުމާ ގުޅުވައި އެމްއެންޑީއެފުން ބުނީ، އެއީ ބަނދަރުގެ މަސައްކަތް ކުރިއަށްދާ ގޮތް ދެއްކުމަށް މީޑިއާއިން އެންމެ ފަހުން ކުރި ޒިޔާރަތުގައި ހާމަަކޮށްފައިވާ ކުރެހުމެއް ކަމަށެވެ.
އެ ކުރެހުމުގެ ޕްލޭންގައިވާ ފަދައިން އުތުރު ތިލަފަޅުގައި ތަރައްގީކުރަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އެޅުމަށް ޓަކައި، ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއާ ފެސިލިޓީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިއީ ހަމައެކަނި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުތަކަށް ޚާއްޞަ ކުރެވިގެން ތަރައްގީކުރާ ތަނެއްކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެހެންކަމުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީއަށްވުރެ ބޮޑެތި އުޅަނދު ފަހަރު އެހެލައި މަރާމާތުކުރުމުގެ ފެންވަރު އެ ތަނުގައި ނުހުންނާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފުން ބުނީ އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރުކަމަށެވެ. އެ ވަރުގެ ކެޕޭސިޓީ އުތުރު ތިލަފަޅުގައި ތަރައްގީނުކުރާކަމަށް ވެސް ބުނެފައިވެއެވެ.
"އަދި މި މަޝްރޫއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށްވާތީ، މިކަމުގެ ސާފު މައުލޫމާތު ގެނެސްދެއްވުމަށާއި ހަގީގަތާ ޚިލާފު ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސް ކުރަމެވެ،" އެމްއެންޑީއެފުން އާންމުކުރި ބަޔާނެއްގައިވެއެވެ.
އުތުރު ތިލަފަޅުގެ މަޝްރޫއަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ ތަނުގައި ގާއިމްކުރާ އަސްކަރީ ބަނދަރާ ގުޅޭގޮތުން ހަގީގަތާ ޚިލާފު އެކި ވާހަކަތައް މި ދުވަސްވަރު، މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.
އެގޮތުން ރޭ ގައުމީ ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މުއައްސަސާގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް 'ދިޔަރެސް'ގެ ނޫސްވެރިން އަރަން މަސައްކަތްކުރުމުން އެމްއެންޑީއެފްއިން އެ ކަން ހުއްޓުވި ކަމަށެވެ. ނަމަވެސް އެ ކަން ހިނގައިދިޔަގޮތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައުރުވާ ކަމަށް އެ ބަޔާނުގައިވެއެވެ.
ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. އަދި އެ ކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދޭނެކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.