ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން ވަންނަން މަސައްކަތް ކުރުމަކީ ޒިންމާދާރުކަންކުޑަ އަމަލެއްކަމަށާއި އެ ކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދޭނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިރޭ ގައުމީ ދިފާއީ ބާރުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މުއައްސަސާގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަހައްދަށް ދިޔަރެސްގެ ނޫސްވެރިން އަރަން މަސައްކަތްކުރުމުން އެމްއެންޑީއެފްއިން އެ ކަން ހުއްޓުވުމުން ކަން ހިނގައިދިޔަގޮތް އޮޅޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ދައުރުވާ ކަމަށް ބުނެފައެވެ.
އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި އެ މުއައްސަސާގެ ބޭނުންތަކަށް ތަރައްގީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެ ފަޅުގެ ބާކީ ސަރަހައްދުތައް ރެސިޑެންޝަލް އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ސަރުކާރުން ރޭގެ ވަގުތެއްގައި ހާމަކޮށްފައިވަނިކޮށް މިއަދުގެ ވަގުތެއްްގައި ދިޔަރެސްގެ ނޫސްވެރިން ލޯންޗެއްގައި ގޮސް ހުއްދަނެތި ސިފައިންގެ ބަނދަރު ތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެ ރަށަށް އަރަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެ ފަޅުގައި އެމްއެންޑީއެފްއިން ތަރައްގީކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކައިލުމަށް ވަރަށް ފަހުން ވެސް އެ ކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް، އެ ގޮތަށް ހުއްދަ ހޯދުމެއް ނެތި އެ ރަށަށް އަރަން މަސައްކަތްކުރުމަކީ ގާނޫނާއި ގަވާއިދާ ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގައިފައިވާ ދަށުދަރަޖައިގެ އަމަލެއްކަން ފާހަގަކޮށް އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ސިފައިންގެ މަރުކަޒުތަކަކީ ހުއްދަނެތި ވަނުން މަނާ ތަންތަން ކަމަށާއި އެ ފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެ ކަން ހުއްޓުވުމަކީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. މި ގޮތުން ސިފައިންގެ ބަނދަރު ތަރައްގީކުރަމުން އަންނަ ސަރަހައްދަށް ހުއްދަނެތި އެރުމަށް މަސައްކަތްކުރަމުމުން އެ ކަން ހުއްޓުވުމަށް އެ ރަށުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީ ވެސް އެ އުސޫލުން ކަމަށް ވަނީ ބުނެފައެވެ.