އޭނާގެ ވެރިކަމެއްގައި ފަސް އަހަރު ދުވަހުގެ ތެރޭގައި ރިއަލް ޖީޑީޕީ 150 ބިލިއަން ރުފިޔާއާ ހަމައަށް އިތުރުކޮށް ބޮލަކަށް ޖެހޭ 17000 ޑޮލަރާ ހަމައަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އިގްތިސޯދީ މެނިފެސްޓޯ ތައާރަފްކުރުމަށް މިރޭ މީރުމާގައި ބޭއްވި ޖަލްސާގައި ވާޙަކަ ދައްކަވަމުން މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހާލަތާ ބެހޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވައިފައެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިގްތިސޯދު ރަނގަޅު ހިސާބެއްގައި އޮއްވާ މިހާރު ވަރަށް ބޮޑުތަނުން ވެއްޓިފައިވާ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖެއްގެ ބޮލުގައި މި ސަރުކާުރުގެ ސިޔާސަތު އޮތް ގޮތުން އެބަ އެޅިގެންދޭ 200000 ރުފިޔާގެ ދަރަންޏެއް،" މުއިއްޒު ވިދާޅުވިއެވެ.
"އެންމެ ކުރުކޮށް މިއަދުގެ އިގްތިސޯދުގެ ހާލަތު ބަޔާންކުރެވޭނީ މި ޖުމުލައިން،"
މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ދެކޮޅުނުޖެހޭ ސިޔާސަތުގެ ސަބަބުން 114 ބިލިއަނަށް ދަރަނި އުފުލިފައިވާ ކަމަށެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނި 32 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ.
އޭގެ ތެރެއިން މި ހިނގަމުންދާ ދައުރުގައި އުފެއްދި 60 ބިލިއަން ރުފިޔާގެ ދަރަނި ހިމެނޭކަމަށާއި އެ ކަމުގެ ސަބަބުން ޖުމުލަ ދަރަނި 146 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ކުރިމަތިލަނީ މި ހާލަތާ. މި ކަމާ މި ކުރިމަތިލަނީ. އިގްތިސޯދު ވައްޓައިލައިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ޓަކައި،" އޭނާ ވިދާޅުވިއެވެ.
މި ހާލަތަށް ގައުމުގެ އިގްތިސޯދު އައި ގޮތް ވެސް މުއިއްޒު މިރޭ ވަނީ ކިޔައިދެއްވައިފައެވެ. އޭނާ ވިދާޅުވީ ގިނަ ދަރަނިތަކެއް އެކި މަޝްރޫތަކަށާއި އެއްވެސް ހަމައެއް އުސޫލެއް ނެތި ހިންގައިފައިވާ މަޝްރޫތަކަަކަށް ވެސް ނަގައިފައިވާ ކަމަށް ވިދާޅުވިއެވެ. އުސޫލެއް ހަމައެއް ނެތި ސިޔާސީ މަގާމުތަކަށް މީހުން ނަގައިފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --
ރައީސް ޔާމީންގެ ވެރިކަންނިމުނުއިރު ރާއްޖޭގެ އާމްދަނީ ބޮލަކަށް ޖެހޭ ނިސްބަތަކީ 10000 ޑޮލަރު ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރަށްވުރެ 35 ޕަސެންޓް ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ. އެ ޕަސެންޓޭޖް 12 ޕަސެންޓަށް ދަށްވެ އާމްދަނީއަށްވުރެ ދަރަނި ގިނަވެފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މި ކަން މިހެން ވާން ދިމާވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނުނިންމާ އޮތުމުގެ ސަބަބުން ފަތުރުވެރިކަން ކުރިއެރުބުމަށް ފުރުސަތު ގެއްލުމާއި މަސްވެރިކަމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މި ހާލަތާ ކުރިމަތިލާއިރުގައި ސަރުކާރުން ފައިސާ ހޯދަނީ ފައިސާ ޗާޕްކޮށްގެންނާއި ޓީބިލާއި ސްކޫކް ވިއްކައިގެން ކަަމށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ކަންކަން ވެސް ބޮއްސުންލައިފައިވާ ކަމަށް ވިދާޅުވިއެވެ.
"މި ކަމުގެ ސަބަބުން ހުރިހާ ގެއްލުމެއް މި ވަނީ ނިކަމެތި ރައްޔިތުންނަށް. އެއްވެސް ފައިދާއެއް ރައްޔިތުންނަކަށް ވާ ތަނެއް ނުފެނޭ،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލެނީ ބޭރުގެ ސިފައިން ތިބެގެން އެކަނި ނޫންކަމަށާއި އިގްތިސޯދީ ގޮތުން ވެސް ވަނީ އަޅުވެތިވެފައިވާ ކަމަށެވެ. އެ ގޮތުން މި ސަރުކާރުން ނަގައިފައިވާ ލޯންތަކުގެ 50 ޕަަސެންޓަކީ އިންޑިއާއިން ނަގައިފައިވާ ލޯންކަމަށާއި ވަކި ގައުމަކަށް އިގްތިސޯދީ ގޮތުން ވެސް ބަރޯސާ ވެފައިވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރު މި ގައުމުގެ އިގްތިސޯދު އޮތް ހިސާބު. އެހެންވީމަ މި ހިސާބުން ނަގާ ކޮޅަށް ޖަހަން މި ހުށަހަޅަނީ މައިގަނޑު ތިން ގޮތަކަށް އޮކޮނޮމިކް ސްޓެބިލިޓީ ގާއިމުކުރުމާއި ބޮޑެތި ބަދަލުތައް. ޓްރާންސްފޯމޭޝަނަލް ބަދަލުތައް ގެނައުމާއެކީ އިގްތިސޯދު ފުޅާކުރުން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަޖެޓް ޑެފިސިޓް 15 އިންސައްތައިން ސިންގަލް ޑިޖިޓަށް ކުޑަކުރާނެ ކަމަށެވެ. އަދި އެކްސްޗޭންޖް ރޭޓް އެއްހަމައެއްގައި ހިފަހައްޓައިދޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމްއެެމްއޭގެ ރިޒާވް އިތުރުކޮށް މައްޗަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 2026ވަނަ އަހަރާ ހަމައަށް ދަރަނި މެނޭޖްކުރާނެ ގޮތުގެ ޕްލޭނެއް ވެސް ހަދައިަފއިވާ ކަމަށާއި ކްރެޑިޓް ރޭޓިން 2016ގައި ހުރި ހިސާބަށް އަނބުރާ ގެންގޮސްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދަރަނި ދެއްކުމަށް އިންވެސްޓާ ގެރެންޓީ އަނބުރާ ގެނެސް ލޯނުތައް ދެއްކުމަށް ރީފައިނޭންސްކޮށް މާ ބޮޑު މައްސަލަތަކެއް ނާންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވެސް އޭނާ ވަނީ ތަސައްވަރުތަކެއް ހާމަކުރައްވައިފައެވެ.
މަސްވެރިކަމުގެ ދާއިރާގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އިތުރުކޮށް ދަޅުގައި ބަންދުކުރެވި ބޭރުކުރެވޭ ވަރު އިތުރުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކަށް ވާނީ ގަންނަ މަސް އެއްކޮށް ވެސް ދަޅުގައި ބަންދުކުރެވޭ ގޮތް ހެދުން،" މުއިއްޒު ވިދާޅުވިއެވެ.
އޭގެ ސަބަބުން މަސްވެރިކަމުން ލިބޭ އާމްދަނީ ޓޫރިޒަމް ސިނާއަތުން ލިބޭ އާމްދަނީއާ އެއްވަރަށް ނުވަތަ އެއަށްވުރެ މައްޗަަށް ވެސް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމަށް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ގޮތުގައި ހަތަރު ބިލިއަން ޑޮލަރާ ހަމައަށް އިންވެސްޓްކުރާނެކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިިކަން ތަރައްގީކޮށް ވަކި ހާއްސަ ރަށްތަކެއް ދަނޑުވެރިކަމަށް ކަނޑައެޅޭނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ