ކޯގަންނު ގަބުރުސްތާނަށް ގެއްލުން ދިން މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާ ތަކަށް ގެއްލުން ދީފައި--

ކޯގަންނު ގަބުރުސްތާނުގެ މަހާނަ ގާ ތަކަށް ގެއްލުން ދިން މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި މައްސަލާގައި އަދި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފައި ނުވި ނަމަވެސް އެ މައްސަލައާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ގަބުރުސްތާނަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި، މިއީ ވޯލްޑް މޮނިއުމަންޓް ފަންޑު ނުވަތަ ދުނިޔޭގެ ހަނދާނީ ބިނާތަކުގެ ވޮޗް ލިސްޓުގައި ވެސް ހިމެނޭ ތަނެކެވެ.

ސައިޓް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އަންނަ މި ގަބުރުސްތާނުގެ މަހާނަ ގާ ތަކަށް ގެއްލުންދީފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހުކުރުގަޑީގައި ކަމަށް ލަފާ ކުރެވޭ ކަމަށް އައްޑޫ މީދޫގެ ކައުންސިލަރު 'ސަން' އަށް މައުލޫމާތު ދެއްވައިފައިވެއެވެ. އެ ވަގުތަކީ އެތަނުގައި ސެކިއުރިޓީއެއްވެސް ނެތް ވަގުތެއްކަން ވެސް އެ ރަށުގެ ކައުންސިލަރު ފާހަގަ ކުރައްވައިފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއްގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ކުރިން ވިދާޅުވީ ގަބުރުސްތާނުގައި ހުންނަ މަހާނަގާތަކަށް އެފަދަ ގެއްލުންތައް ދެނީ ބައެއް މީހުން ގެންގުޅޭ ވިސްނުމުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެއީ ތާރީޚީ ގޮތުން މުހިންމު ތަރިކަތައް ކަން ވެސް މިނިސްޓަރު ފާހަގަކުރައްވައިފައިވެއެވެ.

comment ކޮމެންޓް