އެޕަލްއިން އައިފޯން، އައިޕެޑް، މެކްސް އަދި އެޕަލް ވޮޗްއަށް ސެކިއުރިޓީ އަޕްޑޭޓްތަކެއް ނެރެފިއެވެ.
މި ކުއްލި އަޕްޑޭޓަކީ ސްޕައިވެއާއެއް މެދުވެރިކޮށް އެޕަލް ޑިވައިސްތަކަށް އެކްސެސް ވެވޭފަދަ ވަލްނަރަބިލިޓީއެއް ސައިންސްވެރިންގެ ޓީމަކުން ހޯދުމާ ގުޅިގެން ނެރުނު އަޕްޑޭޓްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ނާޒުކު ވަލްނަރަބިލިޓީ ހޯދީ ގޫގުލްގެ ތްރެޓް އެނަލިސިސް ގްރޫޕްގެ ސައިންސްވެރިން ކަމަށްވާ މެޑީ ސްޓޯން އާއި ސިޓިޒަން ލެބްގެ ބިލް މާކްޒަކް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައިންސްވެރިންނަށް ފެނިފައިވާ ބައެއް މައްސަލަތައް އެރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި:
- ސަފާރީއަށް ބާރުދޭ ބްރައުޒާ އިންޖީނު ކަމަށްވާ ވެބްކިޓްގައި ހުރި މައްސަލައެއް.
- ބައެއް ޑިވައިސްތަކުގައި ހުރި މެލިޝިއަސް އެޕްލިކޭޝަންތައް ރަންކުރެވޭނެ ސެޓްފިކެޓް ވެލިޑޭޝަން ބަގެއް.
- އޮޕަރޭޓިން ސިސްޓަމްގެ ކޯ ކަމަށްވާ ކާނަލްއަށް ވަދެވޭނެ ބަގެއް.
މި ވަލްނަރަބިލިޓީތަކުގެ ނާޖާއިޒު ގޮތްތައް ބޭނުންކޮށްގެން ބައެއް ޑިވައިސްތަކަށް ވަނުމަށް ފުރުޞަތު ލިބިދާނެކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެޕަލްއިން ވަނީ މި މައްސަލަތައް ހައްލު ކުރުމަށް ޕެޗްތައް ދޫކޮށް އަވަހަށް އަޕްޑޭޓް ކުރަން އެދިފައެވެ. މައިގަނޑު ގޮތެއްގައި އައިއޯއެސް 16.7 އަދި އޭގެ ކުރީގެ ވާޝަންތައް ވެސް އަޕްޑޭޓް ކުރަން ވަނީ އެދިފައެވެ.
އެޕަލްއިން ވަނީ އައިއޯއެސް، މެކޯސް ވެންޗޫރާ، މޮންޓެރީ އަދި ވޮޗްއޯއެސްގެ ކުރީގެ ވާޝަންތަކަށް ބަގް ފިކްސް ބެކްޕޯޓްކޮށްފައެވެ. އޭގެ މަގްސަދަކީ ސައިބާ ހަމަލާތަކުން ޔޫޒަރުން ރައްކާތެރިކުރުން ކަމަށް އެޕަލްއިން ބުނެއެވެ.
މި ސެކިއުރިޓީ އަޕްޑޭޓްތައް އައިސްފައި މިވަނީ ސްޕައިވެއާ ފަދަ ސައިބާ ހަމަލާތަކުގެ ނުރައްކާ ކުޑަކުރުމަށް ފަރުމާކޮށްފައިވާ އާ ސެކިއުރިޓީ އަދި ޕްރައިވެސީ ފީޗާތައް ތައާރަފްކުރި އައިއޯއެސް 17 ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
މިއީ އެޕަލްއިން މި މަހުގެ ތެރޭގައި ސެކިއުރިޓީ އަޕްޑޭޓްގެ ގޮތުގައި އަޕްޑޭޓް ދޫކުރި ދެވަނަ ފަހަރެވެ.
މިމަހުގެ ކުރީކޮޅު ސިޓިޒަން ލެބުން ވަނީ، އެންއެސްއޯ ގްރޫޕުން އުފެއްދި ޕެގަސަސް ސްޕައިވެއާ މެދުވެރިކޮށް އެންމެ ފަހުގެ އައިފޯނަށް ހަމަލާދެވޭ ޒީރޯ ކްލިކް ވަލްނަރަބިލިޓީއެއްގެ ހެކި ހޯދައިފައެވެ.
ސިޓިޒަން ލެބުން، ބްލާސްޓްޕާސްގެ ނަމުން ނަން ދީފައިވާ މި ވަލްނަރަބިލިޓީން އައިފޯންގައި އިންޓަގްރޭޓްކޮށްފައިވާ ގޫގުލްގެ ވެބްޕީ އިމޭޖް ލައިބްރަރީގައި ހުރި ބަގެއް ބޭނުންކޮށް، ހަމަލާދޭ ފަރާތްތަކަށް އެޕަލްގެ އައިމެސެޖް ސިސްޓަމް މެދުވެރިކޮށް ސްޕައިވެއާ އިންސްޓޯލް ކުރުމުގެ ފުރުސަތު ދެއެވެ.
މި ވަލްނަރަބިލިޓީތަކުގެ ނުކުރައްކާތެރި ކަމަށް ބަލާއިރު، އެޕަލް ޑިވައިސް ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ސެކިއުރިޓީ އާއި ޕްރައިވެސީ ހިމާޔަތްކުރުމަށް ޓަކައި ޑިވައިސްތައް ވަގުތުން އަޕްޑޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.