ނިޒާމީ ވޯޓަށް މުއިއްޒުގެ ޝައުގެއް ނެތް، ފޯކަސް ދެވަނަ ބުރަށް

ވ. ތިނަދޫގައި އޮތް ކެންޕޭނު ޖަލްސާގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ ---

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ނަގާ ވޯޓަށް މި ވަގުތު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އޭނާގެ ފޯކަސް އަކީ ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެމްޕޭން ދަތުރުފުޅު ނިންމަވާލައްވަމުން ދެއްވި އިންޓަވިއުއެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމާ މެދު އޭނާގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ތިކަމާ ބަހުސްއަކަށް ދާކަށް ނެތިން. އަޅުގަނޑު ފޯކަސް ކުރާނީ މި އިންތިޚާބަށް،" މުއިއްޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި އާ ޕާޓީ "ދަ ޑިމޮކްރެޓްސް"އިން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމުގެ ކުރިން ނިޒާމާގުޅޭ ވޯޓެއް ނެގުމަށެވެ. ނަމަވެސް އެމްޑީޕީއާއި ޕީޕީއެމުން ވެސް އެއްބަސް ވަނީ ރިޔާސީ އިންތިޚާބަށް ފަހު ނިޒާމާ ގުޅޭ ވޯޓެއް ނެގުމަށެވެ.

އެއާ އެކު މަޖިލީހުން ފާސްކޮށް އަންނަ މަހުގެ 30 ގެ ކުރިން ނިޒާމު ބަދަލު ކުރުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ އިލެކްޝަންސް ކޮމިޝަނަށް އަންގައިފައެވެ.

އެ އެންގުމާ ގުޅިގެން އެ ކޮމިޝަނުން މާދަމާ ގޮތެއް ނިންމަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު 50 ވަރަކަށް ރަށަށް ދެވުނު ކަމަށާއި ކޮންމެ ރަށަކުން ވެސް ފެންނަނީ މާޔޫސްކަން ކަމަށެވެ.

"އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުން ވަރަށް ގިނަ ކަންކަމަށް އެދޭ، އަޅުގަނޑުމެންނަށް އިތުބާރުކުރޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒި ވިދާޅުވީ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރުގައި ވަކިކޮޅަކަށް އަރުއްވަން ނިންމާފައި ނުވާ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓުދިން ފަރާތްތަކުން ވެސް އޭނާއަށް ދެވަނަ ބުރުގައި ވޯޓު ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި, ދެވަނަ ބުރު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި، އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރާއި އަހުމަދު ފާރިސް މައުމޫނު ވެސް ވަނީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށް ނިންމައިފައެވެ.

ދެވަނަ ބުރަށް ހަމައެކަނި ކޯލިޝަން ހަދާފައި ވަނީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ. އެ ޕާޓީން ވަނީ އެއްވެސް ޝަރުތަކައިނުލާ ޕީޕީއެމާ އެކު ކޯލިޝަން ހަދައިފައެވެ.

މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ޑރ. މުއިއްޒަށް ލިބިވަޑައިގަތީ 46 ޕަސެންޓު ވޯޓެވެ. އަދި، ދެވަނަ ބުރުގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓު ވޯޓެވެ.

comment ކޮމެންޓް