ތެލުލި ބަނބުކެޔޮ ހަމަ މީރީ ކަޅު ސަޔާއެކު!

ކެއިން ބުއިމުގެ އާދަތަކުގެ ތެރޭގައި ހިމެނޭ ބައެއް ކޮމްބިނޭޝަން އަކީ ކޮންމެ މީހަކަށް ހަޖަމު ކުރަން އެހާ ފަސޭހަ އެއްޗެއްސަށް ނުވެދާނެއެވެ. ނަމަވެސް އަނެއް ބައި މީހުންނަށް މިއީ އެންމެ ކަމުދާ ކޮމްބިނޭޝަންތަކަށް ވެސް ވެދާނެއެވެ. މިއިން އެއް ޖޯޑަކީ ތެލުލި ބަނބުކޭލާއި ހޫނު ކަޅުސައެވެ.

ދިވެހިންގެ ތެރޭގައި ކެއުމުގެ އާދަތަކަށް ބަލާއިރު ކުރިން ފެށިގެން ވެސް ވަރަށް ތަފާތު އާދަތަކެއް ގެންގުޅެމުން އައެވެ. އެންމެ ހަނދާންވާ އެއް ކަމަކަށް ވާނީ ދަތުރުތަކަށް ގޮސް ޖޫހާއި ބިސްކޯދު ޖަހައިގެން ކެއުމެވެ. މިހެން ބުނާ އިރު މިއީ އެހާ ކަމުދާ ކަމަކަށް ނުވާނެއެވެ. ނަމަވެސް މިގޮތަށް ބިސްކޯދު ކޭ އެތައް ބަޔަކު ތިބޭނެ ކަން ކަށަވަރެވެ.

ހަމަ އެގޮތުން ތެލުލި ބަނބުކެޔޮ ވެސް ކަޅު ސަޔާ ޖަހައިގެން ކެއުމަކީ މިހެން ބުނެލާއިރު ވަރަށް ބީރައްޓެހި ހިޔާލަކަށް ވެދާނެއެވެ. ނަމަވެސް މިކަން ޓެސްޓު ކޮށްފައި ތިބި ބަޔަކަށް ވެއްޖެ ނަމަ މިއީ ކިހާވަރެއްގެ ކޮމްބޯއެއް ކަން އެނގޭނެއެވެ.

"ވަރަށް ގިނައިން ތެލުލި ބަނބުކެޔޮ ހުންނަ ހަނދާން ވޭ ސައި ބޯ ގަޑީގައި. ކުޑައިރު ކާފަ މެނާއެކު ސައި ބޯއިރު އަބަދުވެސް ހަނދާންވޭ ކާފަ، ބަނބުކެޔޮ ސަޔާ ޖަހައިގެން ކާ ތަން. އެހެން ކަންނޭގެ ދަސްވީ އަމިއްލަ އަށް ވެސް އެހެން ކާން،" އުމުރުން 23 އަހަރުގެ އިކްރާމް އިމާދު ކިޔައިދިނެވެ.

އިކްރާމްގެ އިތުރުން ވެސް މިގޮތަށް ބަނބުކެޔޮ ކައި އުޅޭ ގިނަ ބަޔަކަށް ދަސްވެފައިވަނީ އާއިލާގެ ފަރާތުންނެވެ. ހާއްސަކޮށް ދުވަސްވީ ކާފަ ނުވަތަ މާމަ އަދި ދުވަސްވީ ބޮޑުބޭބެ އެއްގެ ފަރާތުންނެވެ.

މިހާރު ވެސް ތެލުލި ބަނބުކެޔޮ ކާއިރު ކަޅު ސަޔާ ޖަހާލައިގެން ކާ ނުލާ ނަމަ ހިތްހަމަ ނުޖެހޭ މީހުން އުޅޭނެއެވެ. މިއީ މިހާރު އެއްބައި މީހުންނަށް ހަމަ ބޮޑު އާދައަކަށް މިހާރު ވެއްޖެއެވެ.

މިއީ ފާޑަކަށް ހައިރާން ކުރާ ކޮމްބޯ އަކަށް ވިޔަސް ހަމަ ވަރަށް ސަޅި ކޮމްބޯއެކެވެ. މީގެ އިތުރުން ވެސް ދިވެހިންގެ ތެރޭގައި އެފަދަ ތަފާތު ކޮމްބޯތައް ގެންގުޅެއެވެ. އެއްބައި ކޮމްބޯތަކަކީ އާއިލާގެ ތެރޭގައި ވެސް ހާއްސަ ކޮމްބޯތަކެވެ. އެހެންކަމަށް ވާ ނަމަ އެންމެ ބީރަށްޓެހި ހެން ހީވި ނަމަވެސް އެންމެ މީރު ކޮމްބޯ އެއް އެބަ އޮތް ހެއްޔެވެ؟ އޮތް ނަމަ އެ ކޮމްބޯ އަކީ ކޮބާ ހެއްޔެވެ؟

comment ކޮމެންޓް