ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކުރެންދޫގެ ގެތަކަށް ގެއްލުންވެއްޖެ

ކުރެންދޫގައި ފެންބޮޑުވެފަ --

ރޭ ދަންވަރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޅ. ކުރެންދޫގައި ފެން ބޮޑުވެ ގިނަ ގެތަކަކަށް ގެއްލުން ވެއްޖެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުފީދު ވިދާޅުވީ، ކުރެންދޫއަކީ ބޯކޮށް ވާރޭ ވެހުމުން ފެން ބޮޑުވާ ރަށެއްކަމަށެވެ. ނަމަވެސް މިއަދު ރަށުގައި ފެން ބޮޑުވެފައިވާ މިންވަރަށް މީގެ ކުރިން ފެންބޮޑުވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ރޭ 07:00 ޖެހި އިރުން ފެށިގެން ވެސް ހުއްޓާ ނުލާ ތުނިކޮށް ވާރޭ ވެހުނު. އެކަމަކު ދަންވަރު ބޯކޮށްލި ގޮތަށް މި ފެންބޮޑުވީ،" އޭނާ ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ ކުރެންދޫގެ ބައެއް މަގުތަކުގައި ކަކުލާ ހަމައަށް ފެން ބޮޑުވެފައި ވާކަމަށެވެ. އަދި ބައެއް ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނާއި ފަރުނީޗަރަށް ވެސް ގެއްލުން ވެފައިވާކަމުގެ ރިޕޯޓު ލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެންދޫ ގެއެއްގައި ފެން ބޮޑުވެފަ --

ނަމަވެސް، މުފީދު ވިދާޅުވީ ގެއްލުން ލިބިފައި ވަނީ ޖުމުލަ ކިތައް ގެއަށްކަމަށް އަދި ބުނަން ނޭންގޭ ކަމަށެވެ.

"އަދި އެހެން ބުނާކަށް ނޭންގެ މިހާރު އެ ގެތައް ބަލަމުން މި ދަނީ. ލިބިފަ ހުރި ގެއްލުންތަކުގެ ފޯމްތައް ގެތަކުން ފިލް ކުރަމުން ގެންދަނީ. އެހެންވީމަ އެ މަސައްކަތް ނިމުނީމަ އިނގޭނީ ޖުމްލައެއް ބުނަން،" އޭނާ ވިދާޅުވިއެވެ.

ސިފައިންނާއި ރަށު ކައުންސިލުން ގުޅިގެން މިހާރު ވަނީ އެރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަން ފަށާފައެެވެ. އަދި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ)އިން ވެސް ދަނީ ގެތަކަށް ލިބުނު ގެއްލުން ބަލާ ދިރާސާ ކުރަމުންނެވެ.

މެޓް އޮފީހުން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަ ކުރާނެކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވެސް ގަދަ ވާނެކަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ.

comment ކޮމެންޓް